kandhufathi

ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ފުރަތަމަ "ކަނދުފަތި" މާދަމާ އަޅަނީ

ސްޕޯޓްސް ފިޝިންގއަށް އަށާއި ވަދުދަމާގެން ކުރާ މަސްވެރިކަމަށް ޚާއްސަ ފުރަތަމަ "ކަނދުފަތި" މާދަމާ އެޅުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޅ. ފާދޫ ބޭރުން ކަނޑައިގެން ދިޔަ ކަނދުފަތި އަލުން ހަރުކޮށްފައިވާކަން ހާމަކޮށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ކުރެއްވި ޓްވީޓެއްގައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތި ޓީމްގެ މި ދަތުރުގައި ހއ. މުރައިދޫ ފުޑޮޅުގައި ކަނދެއް އަޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މިކަނދުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. މަސްވެރިން އެމްވީން ބެލިބެލުމުގައި މި ކަނދުފައްޗަކީ ސްޕޯޓްސް ފިޝިންގއަށާއި ވަދުދެމުމަށް ޚާއްސަކޮށްގެން ތަންކޮޅެއް ކައިރީގައި އަޅާ ކަނދުފައްޗެކެވެ.

މުރައިދޫ ކައިރީ ކަނދުފައްޗެއް އެޅުމަށް އަމިއްލަ ފަރާތަކުން މިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ހުއްދައަށް އެދުމުން މިނިސްޓްރީން އެ ހުއްދަ ދީފައެއް ނުވެއެވެ. އަދި ބަދަލުގައި މިނިސްޓްރީގެ ފަރާތުން އެތަނުގައި ކަނދުފައްޗެއް އަޅާގޮތަށް ނިންމިއެވެ. މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނދުފަތި ހަރުކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނާއި އެޤާނޫގެ ދަށުން ހެދިފައިވާ ޤަވާއިދުތައް ބުނާގޮތުން އޮއިވާލި ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި ތަކެވެ. އަދި ކަނދުފަތި ވަށައިގެން 3 މޭލު ހިމެނޭ ސަރަހައްދުގައި ވަދުދެމުމާއި، ދިރޭ އެން ޖަހައިގެން ނަނު ފެއްތުމާއި ސްޕޯޓްސް ފިޝިންގައި އާންމުކޮށް ބޭނުންކުރާ މަސްބުރި ވަދު އުކުމާއި ޖިގު ކުރުން ފަދަ ކަންކަމަކީ މަނާ ކަންތަކެވެ. މި ޤަވާއިދުތައް މިހެން ހުރުމާއެކު ބޮޑުކަންނެލީގެ މަސްވެރިންނާއި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތި އެޅުމަށް އެފަރާތްތަކުން ދިޔައީ ގޮވަމުންނެވެ. ރާއްޖޭގައި އަލަށް 30 ކަނދުފަތި އެޅުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެތެރޭގައި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތި ހިމެނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!