ހއ. މާރަންދޫން ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރުން އެރަށު ކައުންސިލުން ނިންމައިފިއެވެ.
މި މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެރަށު ހަވާގޭގެ އިރުމަތިން ގޮނޑުދޮށާ ދިމާލު ހޭޅިފަށުންނެވެ. މާރަންދޫ ކައުންސިލުން ވަނީ ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަަތު ހުޅުވާލާފައެވެ.
މިގޮތުން 1500 އަކަފޫޓްގެ ބިން 5 އަހަރު ދުވަހައް ކުއްޔައްދޫކުރަން ކައުންސިލުން ނިންމާފައިވާއިރު މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 24ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ކަމަށް މާރަންދޫ ކައުންސިލުން ބުނެއެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންޖެހެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.