މިފްކޯއިން ގަތް ދުވާލަކަށް 100 ޓަނުގެ މަސް ގަނެވޭ ބޯޓު މަސްގަންނަން ތައްޔާރުކޮށް ފެލިވަރަށް ގެންގޮސްފިއެވެ.
ބޯޓުގައި މަސްގަތުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކެއް މިހާރު ނިމިފައިވާކަމަށާއި ކުރިއަށްއޮތް 15 ދުވަހުގެ ތެރޭގައި މި ބޯޓަށް މަސްގަންނަން ފަށާނެކަމަށް މިފްކޯއިން ބުނެއެވެ. ފެލިވަރު ބަނދަރުގައި މި ބޯޓަށް މަރުހަބާ ކިޔަން ފޯރިގަދަ ހަފްލާއެއް ވަނީ ބާއްވާފައެވެ.
މި ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެއް ކަމަށެވެ. މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ އެވެ. މި ބޯޓުގެ ސަބަބުން މިފްކޯއިން މަސް ގަނެވޭ މިންވަރު އިތުރުވެ އެކުންފުނީގެ އެއް ފެކްޓްރީއިން އަނެއް ފެކްޓްރީއަށް މަސް އުފުލުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ވަނީ މިއަހަރު ޖުލައި މަހުވެސް ބޮޑު ބޯޓެއް ގަނެފައެވެ. ޖަޒީރާ ރީފާގެ ނަން ދީފައިވާ މި ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް އެކުންފުނިން ގަތް ކެރިއަރ ބޯޓެކެވެ. މި ބޯޓަކީ 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ. މި ބޯޓުގެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ ކެރިއަރ ވެސެލްގެ ރެޖިސްޓްރޭޝަން މަރުހަލާ މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އެމްއެފްޑީއޭގެ ރެކޮމެންޑޭޝަންތަކާ އެއްކޮށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ފައުޒީ ވިދާޅުވިއެވެ.
މިފްކޯގެ އަމިއްލަ ބޯޓުގައި މަސް ބޭރުކުރަން ފެށުމުން މަހަށް ހަމަ އަގު ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.




One Response
ތީގަދޯ ދަވާދު ކޮޅެއްހާކާލައިގެން ދެންވަސް ފޮނިދައްކަން ގެނައިނަމަ... ބޯހަލާކު...