ގދ. ފަރެސްމާތޮޑާ "ވައިކިންގް" ދޯނީގެ ގިނަ އަދަދެއްގެ މަސްވެރިން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މަސްވެރިން އެމްވީ އަށް މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ މެނޭޖަރު މުހައްމަދު ސަބާހު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު އެދޯނިން މަހަށް ދާ މަސްވެރިއަކު ބަލީގެ އަލާމާތްތަށް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުން އެމަސްވެރިޔާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެ ދޯނިން މަހަށްދާ އެހެން މަސްވެރިންވެސް ކޯވިޑަށް ޓެސްޓު ހެދީ ކަމަށެވެ.
އެ ދޯންޏަކީ 25 މަސްވެރިން މަހަށްދާ ދޯންޏެއް ކަމަށާއި، އޭގެތެރެއިން 15 މަސްވެރިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ސަބާހް ވިދާޅުވިއެވެ. އަނެއް މަސްވެރިންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްއެވެ.
މި މީހުންނާއި ދިމާވި ފަރާތްތަށް މިހާރުވަނީ ކަރަންޓީންކޮށްފައެވެ. އެގޮތުން ޖުމްލަ 40 ގެއެއް ކަރަންޓީނަށް ލާފައިވާ ކަމަށް ސަބާޙް ވިދާޅުވިއެވެ.
ފަރެސްމާތޮޑާއިން ޕޮޒިޓިވްވެފައިވަނީ އެދޯނިން މަހަށް ދިޔަ ފަރާތްތަށް އެކަންޏެވެ. އެރަށް އޮތީ މޮނިޓަރިންގެ ހާލަތަކު ނޫނެވެ.