މަސްވެރިކަމާއި ގުޅޭ

އިލޮޅި ހިކާ

މިއީ ރާއްޖޭގެ ތިލަފަޅުތަކުގެ ހުއި ހެދިފައި ހުންނަ ހިސާބުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮށް އުޅެނިކޮށެވެ. މިމަހަކީ ހުއިފަތުގެ ކުލައާއި ގައިގެ ކުލަ އެއްގޮތް މަހެއްކަމުން އޭގެ މާޙައުލުގައި އުޅޭއިރު ފަސޭހައިން ދެނެގަންނަން އުނދަގޫ މަހެކެވެ. މަހުގެ ތުންކޮޅު ހުންނަނީ ތޮޅިގޮތަށް ކޮޅަށް އޫކޮށެވެ. އާދަވެގެން މިމަސް އުޅެނީ 1 މީޓަރާއި 10 މީޓަރާ ދެމެދުގެ ފުންމިނުގައެވެ.

މަހުގެ ކާނާގެ ތެރޭގައި ބޮލި، ބަރަވެލި، ހިޔަމަ. ކަކުނި އަދި ޑިނގާ ހިމެނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 11 ނުވަތަ 12 މަޑުކަށިހުރެއެވެ. މިއީ އަޅައިގަންނަ ތަފާތު ކުލަތަކެއް ހިކައެކެވެ. މަހުގެ ކުލައަކީ ރީތި ފެހިކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ވިލުކުލައަކަށްދާ ނޫކުލައެއްގައެވެ. ހުޅުނބުތަކުގެ ކައިރިފަށުގެ ކުލަ ފަނޑެވެ. މަހުގެ ދެއަރިމަތިން ކަންފަތުގެ ފަހަތުގައި ފިޔާތޮށިކުލައިގެ ލަފެއް ހުރެއެވެ. އަދި އަނގައިގެ ދަށުގައި ހުންނަނީ އޮރެންޖުކުލައެވެ. މަހުގެ ބޮލުގައި ނޫކުލައިގެ ކުރެހުންތަކެއް ހުރެއެވެ. ގާތްގަޑަކަށް 60 ސެންޓިމީޓަރަށް ބޮޑުވާ މަހެއް ކަމުގައި ވިއަސް ރާއްޖެއިން ފެނިފައި ހުންނަނީ މިބާވަތުގެ ވަރަށް ކުދި މަހެވެ. މިހިކައަށް ކިޔާ ވަކި ޚާއްޞަނަމެއް އަޅުގަޑުމެންގެ ތެރޭގައި ކިޔެމުން ނުދާތީ މަހުގެ އެންމެ ފާހަގަކުރެވޭ
ސިފައަށް ވިސްނާ "އިލޮޅިހިކާ” ކިޔާފައިވަނީއެވެ.

 

އިނގެރޭސި ނަން: Cigar wrasse

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!