މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ގުރައިދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ ގުރައިދޫ މަސްވެރިން
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ގުރައިދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ ގުރައިދޫ މަސްވެރިން

މިއަހަރުގެ މަސްވެރިންގެ ދުވަސް ތ. ގުރައިދޫގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި

ތ. ގުރައިދޫގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ، ގުރައިދުއަކީ މަސްވެރި ރަށެއްކަމުން ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް އެރަށުގައި ވަރަށް ފޯރީގައި ފާހަގަކުރާ ކަމަށެވެ. އެހެންކަމުން މިފަހަރުގެ މަސްވެރިންގެ ދުވަސް ވެސް ވަރަށް ކުލަގަދަކޮށް އެރަށުގައި ފާހަގަކުރަން ނިންމާފައިވާ ރައީސް ވިދާޅުވިއެވެ. މިގޮތުން ރަށުގެ ދޯނިފަހަރުގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތާއި، އަންހެނުންގެ ފަރާތުން މަސްވެރިންނަށްދޭ ޚާއްޞަ ޖާފަތާއި، މަސްވެރިންގެ ފަރާތުން ރަށުގެ ކުދިބޮޑު އެންމެންނަށްދޭ ޚާއްސަ ސައި ހިމެނެއެވެ. މިކަންތައްތަކުގެ އިތުރުން އެރަށު މަސްވެރިންގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ޚާއްޞަ އެވޯޑުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި އެންމެ ތަޖުރިބާހުރި ކެޔޮޅާއި އެންމެ ޒުވާން ކެޔޮޅުފަދަ މަޤާމްތައް ހިމެނޭކަމަށް ކައުންސިލުން ބުނެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގުރައިދޫގައި ފާހަގަކުރަނީ އެރަށު ކައުންސިލާއި މަސްވެރިން ގުޅިގެންނެވެ. ތ. ގުރައިދޫއަކީ އެކުވެރި ރައްޔިތެއް ދިރިއުޅެމުންދާ ނަމޫނާ ރަށެކެވެ. ރަށުފެންވަރުގައި މިފަދަ ހަރަކާތްތައް ހިންމުމަށް ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން ރަށު ކައުންސިލުން ފާހަގަކުރެއެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!