FETUuw1VUAEmKef

ގއ. ކޮލަމާފުށީ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި އަލުން އަޅައިފި

ގއ. ކޮލަމާފުށީ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި އަލުން އަޅައިފިއެވެ.

މި ކަނދުފަތި އަޅާފައިވަނީ ކޮލަމާފުށީގެ ހުޅަނގު އުތުރުން 12.5 މޭލު ބޭރުގައެވެ. ކަނދުފަތި ތަކަށް ނަންބަރުދޭ އައު އުސޫލުގެ ދަށުން  މި ކަނދުފައްޗަށް ދީފައިވާ ނަންބަރަކީ 09D01 އެވެ. މި އުސޫލުގެ ދަށުން މިއީ 2 ވަނައަށް އެޅި ކަނދުފައްޗެވެ. 

 މީގެ ކުރިން ކަނދުފަތިތަކަށް ނަމްބަރު ދެމުން އައީ ކަނދުފަތި އަޅަމުން އައި ތަރުތީބުންނެވެ. ކަނދުފަތީގެ ބޮޔަށް ނަމްބަރު ދީފައިވާ ގޮތުން ރާއްޖޭގައި 550 އަށްވުރެ ގިނަ ކަނދުފަތި ހަރުކުރެވިއްޖެއެވެ،

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، ކަނދުފަތި ކައިރިއަށް ތާވަޅު އުކުމާއި ކަނދުފަތީގެ ބޮއިގައި ވާއެއްސުމާއި ކަނދުފަތި ކައިރީ ދިއްލުން ފަދަ އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!