Kandhoo-9-pe0rm94gtx0pf8jih7z6zxp2brwtpqs3b50at6zatk

އެކަށީގެންވާ މިންވަރަށް ކެޔޮޅުން ކުރިމަތިލާފައި ނުވާތީ ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މާލެ އަތޮޅުން ހޮވާ އެންމެ ޙިދުމަތްތެރި ކެޔޮޅުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ހަފްލާގައި މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި 35 އަހަރުން ދަށުގެ ކެޔޮޅަކާއި އެންމެ ތަޖުރިބާ ހުރި 35 އަހަރުން މަތީގެ ކެޔޮޅު ހޮވައި، އެ މީހުންނަށް ޚާއްސަ އެވޯޑެއް ދޭގޮތަަށް ހަމަޖައްސާފައެވެ.

މި އެވޯޑަށް ކުރިމަތިލުމަށް މިދިޔަ އޮކްޓޯބަރުމަހުގެ 17ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އެ އިޢުލާންގެ މުއްދަތުވަނީ މިމަހުގެ 15 ވަނަ ދުވަހު ހަމަވެފައެވެ.

އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހަށް އިތުރުކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރު ކުރީ އެކަށީގެންވާ ޢަދަދަށް ކެޔޮޅުން ކުރިމަތިލާފައިނުވާތީ ކަމަށެވެ.

އެންމެ ޙިދުމަތްތެރި ކެޔޮޅު އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކުރައިޓީރިއާ މިިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

މި އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެވޯޑަށް އެދި ހުށަހަޅާ ފޯމް admin@fishagri.gov.mv އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. މިމަހުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ. ގާފަރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!