މިއީ އަތޮޅުން ބޭރު ކަނޑުތަކުގެ އުޅޭމަހެކެވެ. ވުމާއެކު މިއީ ދިވެހި މަސްވެރިން ފަރުފަޅުގެ ބޭރުންނާއި އެތެރެވަރީގައި ކުރާ ކެޔޮޅުކަމުގައި ބޭނޭ މަހެއްނޫނެވެ. ނަމަވެސް މެރިން ރިސާރޗް ސެކްޝަންގެ ފަރާތުން ފަރުމަހުގެ ތަހުލީލީ މަސްވެރިކަމުގައި މިބާވަތުގެމަސް އަތޮޅުއަތޮޅުގެ ބޭރުމަތީން އަޑީލޭނުއަޅައިގެން ވަރަށް މަދުމަދުން ބޭނިފައި ހުއްޓެވެ. މިބާވަތަށް ވަކިނަމެއް އަޅުގަޑުމެންގެ ތެރޭގައި ކިޔާނޫޅޭތީ މިމަހަށް އިގިރޭސިބަހުން ކިޔާ ނަމާގުޅޭގޮތުން މަސް ފެންނަލެއް ނުވަތަ ބޭނޭލެއް ތަދުކަމަށް ވިސްނާ "ދުންތަރިފާނަ" ކިޔާފައިވަނީއެވެ.
މިމަހުގެ ކަރުތާފަތުގެ ކުރީބައިގެ އަރިމަތި ހުންނަނީ ރާޅުކޮށެވެ. އަދި މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 ނުވަތަ 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 ނުވަތަ 8 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅުހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މިބާވަތުގެ މަސް ޢާއްމުގޮތެއްގައި އުޅެނީ 80 މީޓަރާއި 370 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. އަދި މިއީ އިންޑިއާ ކަނޑުގެ މިސަރަޙައްދުގައި ވަރަށް މަދުން އުޅޭ މަހެއްކަމުގައި ބެލިފައިވެއެވެ. މަހުގެ ކުލައަކީ ފަނޑު އަޅިކުލައެކެވެ. މަހުގެ ބުރަކަށިމަތީގައްޔާއި ދެ އަރިމަތީގައި އަދި ކަރުތާފަތްމަތީގައި މުށިކުލައިގެ ކުރެހުންބައެއް ހުރެއެވެ. މަހުގެ ކޮތަރިތަކުގައި އެއްވެސް ކުރެހުމެއް ނުހުރެއެވެ. މަހުގައި ހުންނަ ކުރެހުންބައިގެ ތެރޭގައި މުށިކުލައިގެ ލައްތަކެއްހުރެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 13 ސެންޓިމީޓަރަށެވެ.
އިނގެރޭސި ނަން: Comet grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

One Response
ވަރަށް ބޮޑަށް މައުލޫމާތު އަޕްޑޭޓް ވާންޖެހޭ