މަސްވެރިކަމާއި ގުޅޭ

ބެރެބެދި ދަންބޮޑު

މިއީ ރާއްޖޭގެ ފަރުފަޅުތަކުން 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުން ފެންނަ ދަންބޮޑެކެވެ.

މިމަސް އެންމެ ބޮޑުވަނީ 27 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ގިނައިން އުޅެނީ ގަލުގެ ހޮހަޅަތަކާއި އެނޫންވެސް ގާތަކުގެ ތެރޭގައެވެ. ނަމަވެސް ރޭގަޑުގެ ވަގުތުތަކުގައި ބައިބަޔަށް ބޭރުމައްޗަށް ނުކުމެއުޅެއެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން އުޅޭ ދަންބޮޑުގެ އެއްބާވަތެވެ. މިއީ ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭމަހެކެވެ. އަދި ކޮށިފައްތައިގެން ކުރާ މަސްވެރިކަމުގައިވެސް މިމަސް ހިފޭކަމަށްވެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުން ނުކުރިކަމުގައި ވިޔަސް ކެއުމަށް ރަގަޅުމަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް (ގިނައިން 14) މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ މުށިކުލައެއްގައެވެ. މަހުގެ ކަރުތާފަތުގެ މަތީކައިރިފަށާއި ކަންފަތުގެ ބުޑުދަށް ހުންނަނީ ގަދަމުށިކުލައެއްގައެވެ. މަހުގެ ނިގޫފަތުގެ މަތީކައި އާއި ތިރީކައިރި ހުންނަނީ ހުދު ކުލައެއްގައެވެ. މިމަހަށް ކިޔާ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަކީ ބެރެބެދިމަހުގެ ކުލައާއި އެއްފަދަ ރަތްކުލައެއްގައި ހުންނަ މަހެއްކަމުން މިމަހަށް "ބެރެބެދި ދަންބޮޑު" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Pinecone soldierfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!