މަސްވެރިކަމާއި ގުޅޭ

ތުތި ބޯވަދިލަމަސް މެނޭޖުކުރުމުގެ ފިޔަވަޅުތައް

ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރާ ފަރާތްތަކާއި ޞިނާޢަތުގެ މަޞްލަޙަތަށް ބަލައި، ކަމާގުޅޭ އެންމެހައި ފަރާތްތަކާއި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ އުސޫލުތަކާއި ބެލެހެއްޓުމުގެ އަވަސް ފިޔަވަޅުތަކެއް އެކަށީގެންވާ ވަގުތުގައި ތަޢާރުފުކުރުމަކީ މުހިންމު ކަމެކެވެ.

މިގޮތުން، މި ޕްލޭންގައި ކަނޑައަޅައިފައިވާ އަމާޒުތަކާއި އިސްތިރާޖުތައް ހާސިލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

  1. މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާ ގުޅޭ ގޮތުންނާއި، ތުތި ބޯވަދިލަމަހުގެ އާބާދީ މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ތުތި ބޯވަދިލަމަހުގެ ދިރާސާތައް ކުރުމާ ގުޅޭ ގޮތުންނާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ޤާއިމުކުރެވޭނެއެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު އެއް ފަހަރު ބޭއްވޭނެއެވެ.

ކޮމިޓީ އެކުލަވައިލާނީ ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.

(ހ) މުޤައްރިރު (މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެއް)؛
(ށ) އެމް.އެމް.އާރް.އައި ތަމްސީލު ކުރާ މަންދޫބެއް؛
(ނ) ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބެއް؛
(ރ) ތުތި ބޯވަދިލަމަސް ޕްރޮސެސް ކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބެއް؛
(ބ) މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ތަމްސީލު ކުރާ މަންދޫބެއް؛
(ޅ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލު ކުރާ މަންދޫބެއް؛
(ކ) ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއް؛ އަދި
(އ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް.

މީގެ ތެރެއިން އަންނަނިވި ފަރާތްތައް ކޮމިޓީއަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާން ކުރެވޭނެއެވެ.

(ހ) ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބު؛
(ށ) ތުތި ބޯވަދިލަމަސް ޕްރޮސެސް ކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބު؛
(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާ.

ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.

(ހ) މި ޕްލޭން ތަންފީޛުކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޛުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް އެރުވުން؛
(ށ) ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން ރިޕޯޓުތައް މުޠާލިޢާކުރުން؛
(ނ) ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާގުޅޭ ފަންނީ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުން އަދި މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި
(ރ) މި ޕްލޭން ތަންފީޛުކޮށް، މުޠާލިޢާކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

2. ލައިސަންސް ކުރުން.

މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤުތިޞާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސްހިސާބު އެއްކޮށް، ބެލެހެއްޓުމެވެ. އަދި މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު މިނިސްޓްރީއަށް ލިއްބައިދިނުމުގައި ލައިސަންސްގެ ނިޒާމު އިސް ދައުރެއް އަދާކުރެއެވެ.

މީގެ އިތުރުން މިފަދަ ލައިސަންސް ނިޒާމެއް ޤާއިމުކޮށް، މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އެ ނިޒާމުގެ ތެރެއިން ރަސްމީކޮށް ރިކޯޑުކޮށް ބެލެހެއްޓުމަކީ މަސްވެރިންނާއި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށްދީ އެ ފަރާތްތަކަށް ޙައްޤުވެގެންވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި މިފަދަ ނިޒާމެއްގެ ތެރެއިން މަސްވެރިކަންކުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު އަދި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުމަކީ ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ރާވައި، ހިންގައި، ބަލަހައްޓަމުންގެންދާ މަސްވެރިކަމަކަށް ހެދުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށް ވެސް، މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމެކެވެ. މީގެ އިތުރުން މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގައިވެސް މިފަދަ ނިޒާމަކުން އެއްކުރެވޭ މަޢުލޫމާތުގެ ބޭނުން ކުރެވޭނެއެވެ.

މިގޮތުން، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގައްޔާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާ ތްތެރިވަމުންދާ އަންނަނިވި ފަރާތްތައް ލައިސަންސްކުރެވޭނެއެވެ.

(ހ) ވިޔަފާރި ބޭނުމަށް ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
(ށ) ވިޔަފާރި ބޭނުމަށް ތުތި ބޯވަދިލަމަސް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް.

ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތް، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކުރެވޭނެއެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމުށް ލައިސަންސް ދޫކުރެވޭނީ ގިނަވެގެން މުޅިއަކު 30 (ތިރީސް) އުޅަނދަށެވެ. މީގެ އިތުރުން، ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ އެންމެހައި އުޅަނދުފަހަރާއި އުޅަނދުފަހަރުތަކުގެ ކެޔޮޅުންނާއި ފަޅުވެރީންގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި ބެލެހެއްޓޭނެއެވެ.

3.މަޢުލޫމާތު އެއްކުރުމާއި ބެލެހެއްޓުން

މަސްވެރިކަމުގައި ހިފާ މަހުގެ އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އާބާދީގެ މިންވަރު ހިސާބުކޮށް، އެ މަސްވެރިކަމެއް ކުރެވެނީ އާބާދީއަށް ގެއްލުން ނުވާ، ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރުމަށްޓަކައި މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި އެ ބާވަތްތައް ބާނާ މިންވަރާއި، އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދަ (އެފަރޓް) އާ ގުޅޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަސްވެރިކަމުގެ ލޮގްފޮތް ނުވަތަ މަސްރިޕޯޓެވެ. މަސްރިޕޯޓަކީ މަސްވެރިކަމުގެ ކޮންމެ ދަތުރެއް ނިންމުމަށްފަހު އެ ދަތުރުގައި ހިފި ބާވަތްތަކާއި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ ނިޒާމެވެ. މީގެ އިތުރުން މަސްވެރިކަމުގައި ހޭދަ ކުރެވުނު ތެލުގެ މިންވަރު އަދި މަސް ބޭނި ސަރަޙައްދުތައް ފަދަ އިތުރު މަޢުލޫމާތުވެސް ލޮގްފޮތް މެދުވެރިކޮށް ނެގެއެވެ. މީގެ އިތުރުން މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި މިފަދަ އުފެއްދުންތަކުގެ ވިޔަފާރިއާ ގުޅޭގޮތުން ވެސް ތަފާތު މަޢުލޫމާތު އެއްކުރެވެއެވެ. މި އެންމެހައި މަޢުލޫމާތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި އަދި މަސްވެރިކަމުގެ ނަފާ ދިގު މުއްދަތަކަށް ލިބިދިނުމަށްޓަކައި، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށް ބޭނުންކުރެވޭ މައުލޫމާތެވެ.

މިގޮތުން، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގެ މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އަންނަނިވި ފަރާތްތަކުން މަސްވެރިކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވުން ލާޒިމުކުރެވޭނެއެވެ.

• މި ޕްލޭންގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސް ރިޕޯޓު ނުވަތަ ލޮގް ފޮތުގެ މަޢުލޫމާތު ފޮނުވުން؛
• ތުތި ބޯވަދިލަމަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން؛ އަދި
• ތުތި ބޯވަދިލަމަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން.

4. ކެޗް ސެޓުފިކެޓު ދޫކުރުން

ޤާނޫނާ ޚިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއް ނެތި ކުރާ (އިލީގަލް، އަންރެގިއުލޭޓަޑް އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ބަދަލުކުރެވޭ މަހާއި މަހުގެ އެންމެހައި އުފެއްދުންތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައިވާ މަސްވެރިކަމަކުން ބާނައި، ތައްޔާރުކޮށްފައިވާ އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ފިޔަވަޅެކެވެ.

މިގޮތުން މިނިސްޓްރީން ޤާއިމުކޮށްފައިވާ ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު ފުޅާކޮށް، އެކްސްޕޯޓު ކުރެވޭ ކޮންމެ ތުތި ބޯވަދިލަމަހުގެ ޝިޕްމަންޓަކާ އެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމުކުރެވޭނެއެވެ. ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު މެދުވެރިކޮށް އެކްސްޕޯޓުކުރާ ތުތި ބޯވަދިލަމަސް ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތާއި، މަސް ބޭނި ތާރީޚު އަދި މަސް ޕްރޮސެސްކުރި ފަރާތުގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި މި މަޢުލޫމާތުގެ އަލީގައި މަސް ބޭނީއްސުރެ މަހާއި މަހުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވެންދެން އެ އުފެއްދުންތައް ކަޑައްތުކޮށްފައިވާ އެންމެހައި މަރުހަލާތައް ދެނެގަތުމަށް (ޓްރޭސަބިލިޓީ ޔަޤީންކުރުމަށް) މަގުފަހިވެގެންދާނެއެވެ.

5. ޕްރިކޯޝަނަރީ ފިޔަވަޅުތައް

ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދައިފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަޤީންކުރެވިފައި ނެތް ހިނދުގައި ވެސް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް އަދި މޫސުމީ ބަދަލުގެ ސަބަބުން މާޙައުލީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި ފިޔަވަޅު އެޅުމަކީ ގިނަ ސައިންސްވެރިންނާއި ޤުދުރަތީ ވަސީލަތްތައް މެނޭޖްކުރާ ފަރާތްތަކުން ބާރުއަޅާ ކަމެކެވެ. މިގޮތުން، ތުތި ބޯވަދިލަމަހުގެ ސްޓޮކް މެނޭޖްކުރުމަށް މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން އެހެނިހެން ފިޔަވަޅުތަކެއް އެޅުމަށް ފެނިއްޖެ ހާލަތުގައި އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމިދާނެއެވެ.

މީގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.

(ހ) ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކުން ތުތި ބޯވަދިލަމަސް ހިފުން މަނާކުރުން؛
(ށ) ތުތި ބޯވަދިލަމަސް ބޭނުން، ހިފުން، ޕްރޮސެސްކުރުން ނުވަތަ އެކްސްޕޯޓުކުރުން މަނާކުރުން؛
(ނ) އެކްސްޕޯޓު ކުރެވޭނެ ނުވަތަ ބޭނޭނެ ތުތި ބޯވަދިލަމަހުގެ ކޯޓާއެއް ކަނޑައަޅައި ތަންފީޛުކުރުން؛ އަދި
(ރ) ތުތި ބޯވަދިލަމަހުގެ ސްޓޮކަށް އަސަރުކޮށްފާނެ ހަރަކާތްތަކާގުޅޭ ގޮތުން އެހެނިހެން ފިޔަވަޅުތައް އެޅުން.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!