މަސްވެރިކަމާއި ގުޅޭ

ބޮއްކޮއްޔާ: "ދިޔަހިއްކާފައި"

ބޮއްކޮއްޔާއަކީ އިހުޒަމާނުގައި ލަކުޑި ބައްތެލި ނުވަތަ އޮޑި ފަހަރުތަކުގައި ދިޔަހިއްކުމަށް ބޭނުން ކުރިއެއްޗެކެވެ.

އާންމުކޮށް ބޮއްކޮއްޔާ ނުވަތަ ދިޔަހިއްކާފައި ހަދާފައި ހުންނަނީ ބަބުކެޔޮގަހުގެ ލަކުޑިންނާއި ނިކަގަހުގެ ލަކުޑިންނެވެ. ދިޔަހިއްކާފައި ހެދުމަށް މިނޫންވެސް ލަކުޑި ބޭނުންކުރެއެވެ. ދިޔަހިއްކާފައިގެ ތަފާތު ސައިޒްތައް ހުރެއެވެ. ދޯނީގެ ވަތުތެރޭގައި އޮންނަ މަދު ފެންކޮޅު ނެގޭވަރަށް ކުޑަކޮށްވެސް "ދިޔަހިއްކާފައި" ހަދާފައިހުރެއެވެ. އެންމެ ބޮޑުވެގެން ގާތްގަނޑަކަށް ފޫޓަކަށްވުރެ ދިގު، ދިހަ އިންޗިއަށްވުރެ ފުޅާ ދިޔަހިއްކާފައި ހުރެއެވެ. ލީޓަރުން މިނާކަމަށް ވަނީނަމަ، އެންމެ ބޮޑެތި ސައިޒުގެ ދިޔަހިއްކާފަޔަށް 4 ލީޓަރަށްވުރެ ގިނައިން ފެން އެޅޭނެއެވެ.

ލަކުޑި ދޯނިފަހަރުތަކުގައި މަހަށްދިޔަ ދުވަސްވަރު "ގަމަތެ" އެޅުމަށް ޚާއްސަ ފަޅުވެރިން އައްޔަންކޮށްފައި ތިބެއެވެ. ހެނދު 2، ހަވީރު 2 ފަޅުވެރިން ޑިއުޓީ ބަހައިގެން ދިޔަހިއްކުމަށް ތިބެއެވެ. އެންދަމައިގެން ދުއްވާ ވަގުތުތަކުގައްޔާއި، ކަނޑުގަދަ ދުވަސްތަކުގައި ދިޔަހިއްކުމަށް ވަރަށް ބުރަކޮށް އުޅެންޖެހެއެވެ. އަދި މަސްއައިނަށްއަރާ އެންވަތުގެ ފެންގަނޑު ތިލަކުރަންވުމުން، "ވާހި" ޖެހުމަށްފަހު، ފެންނަގާ މަދުކުރަނީ ދިޔަހިއްކާ ފައިންނެވެ.

"ބޮއްކޮއްޔާ"އަކީ ދިޔަހިއްކާ ފަޔަށް ބޭނުންކުރާ ހުވަދޫ ބަހެކެވެ.

"ގަމަތެ"އަކީ އޮޑީގެ ވަތުގައި ހުންނަ ފެން ނުވަތަ ވަތުގައި ހުންނަ ދިޔައަށް ބޭނުންކުރާ ހުވަދޫ ބަހެވެ.

"ވާހި"އަކީ އޮޑީގެ "އުނގުރި"އަށް ބޭނުންކުރާ ހުވަދޫ ބެހެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!