މަސްވެރިކަމާއި ގުޅޭ

އީޓޮލްސްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރާ ޓީމް
އީޓޮލްސްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރާ ޓީމް

ރާއްޖެ-މޮރިޝަސް އީ.އީ.ޒެޑްގެ މައްސަލަ ޓްރައިބިއުނަލްއިން ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ރާއްޖެއިން އެދިއްޖެ

ރާއްޖެއާއި މޮރިޝަސްގެ އިޤްތިސާދީ ޚާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދނުމަށް ރާއްޖެއިން އެދިއްޖެއެެވެ.

ރާއްޖޭން މިކަމަށް އެދުނީ، ރާއްޖެއާއި މޮރިޝަސްގެ އިޤްތިސާދީ ޚާއްސަ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއިން ބޭއްވި އަޑުއެހުންތައް ނިންމާލުމުގެ ގޮތުން ރާއްޖޭގެ ފަރާތުން އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޑެޕިއުޓީ އެޓާރނީ ޖެނެރަލް ޚަދީޖާ ޝަބީން ދެއްވި ބަޔާނުގައެވެ.

މި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތުވަނީ، ޓްރައިބިއުނަލްގައި އަނގަބަހުން އަދި ލިޔެކިޔުމުން ދިން ބަޔާންތަކަށް ހަވާލާދެއްވައި، އިޓްލޮސްގެ ސްޕެޝަލް ޗެމްބާއިން މިމައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ނިންމައި، އެގޮތަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

އަދި އިމުގެ މައްސަލާގައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މޮރިޝަސްއާއިއެކު ގާތްގުޅުމެއް ބާއްވަން ރާއްޖެއިން ބޭނުންވާ ކަމަށްވެސް އޭ.ޖީ ވިދާޅުވިއެވެ.

އައިސީޖޭއިން ޗާގޯޒް މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ކުރިން ނެރުނު ލަފަޔަށް އިޝާރަތްކުރައްވާ، އެޓާރނީ ޖެނެރަލް ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައަކީ އައިސީޖޭއިން މޮރިޝަސްގެ އިޤްތިސާދީ ސަރަހައްދާ ބެހޭގޮތުން ނެރެފައިވާ އެޑްވައިޒަރީ އޮޕީނިއަންއަކީ ޗާގޯސްގެ މިލްކުވެރިކަމާ ބެހޭގޮތުން މޮރިޝަސްއާއި، އިނގިރޭސިވިލާތާ ދެމެދު އޮތް ދެބަސްވުން ނިމުމަކަށް ގެނެސް ވަކިގޮތަކަށް ކަނޑައެޅިދާނެ ނިންމުމެއްތޯ ޚިޔާލު ތަފާތުވުން ކަމަށްވެސް ވިދާޅުވިއެވެ.

" ރާއްޖޭގެ އަވަށްޓެރި މޮރިޝަސްގެ ރައްޔިތުންނާ އެކުވެރި ގުޅުމެއް އޮންނަން ރާއްޖޭން ބޭނުންވޭ. އެހެންކަމުން ރާއްޖޭން މޮރިޝަސްއަށް މި ދައުވަތު ދެނީ، އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްސަލާގައި އުފެދިފައިވާ ޚިލާފާ ބެހޭގޮތުން މަޝްވަރާ ކުރުމަށް. އަދި މި ޚިޔާލު ތަފާތުވުން ސީދާ އައިސީޖޭއަށް ހުށަހަޅައިގެން އެކަމުގައި ވަކިގޮތެއް ކަނޑައެޅުމަށް. ނުވަތަ މޮރިޝަސްއިން ބޭނުންވާ ހުށަހެޅުމަކަށް މަޝްވަރާކުރަންވެސް ރާއްޖެ އޮތީ ތައްޔާރަށް" އެޓާރނީ ޖެނެރަލް ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އީ.އީ.ޒެޑް ކަނޑައެޅުމަށް އެދި ރާއްޖެއާ ދެކޮޅަށް މޮރީޝަސްއިން އީޓްލޮސްއަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ، މިމަހުގެ 13 ވަނަ ދުވަހު އެވެ.

މި އަޑުއެހުންތަކުގައި އެޓާރނީ ޖެނެރަލް ވިދާޅުވީ، މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި، އެމައްސަލަ ނަހަމަ ގޮތުގައި ހިފައި އެހެން މަޤްސަދެއް ހާސިލްކުރަން ކަމަށެވެ. އަދި މިކަމަކީ، ސުލްޙަވެރިކަމާއެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި، އެހެންނަމަވެސް މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށަހެޅީ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

ފޯޅަވަހި ނުވަތަ ޗާގޯޒް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލައެކެވެ. ނަމަވެސް 2010ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސްއިން ވަނީ އެކަމަށް އިއުތިރާޒުކޮށް، އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!