މަސްވެރިކަމާއި ގުޅޭ

އައްޑުއަތޮޅުން މުށިމަސް ހިފަނީ / ފޮޓޯ: އައްޑޫސިޓީ މަސްވެރިން
އައްޑުއަތޮޅުން މުށިމަސް ހިފަނީ / ފޮޓޯ: އައްޑޫސިޓީ މަސްވެރިން

އައްޑު އަތޮޅުގައި ކުދި މުށިމަސް ތިޔާގިވެ އެމުގެ ގޮތުގައި ކުދި މުށިމަސް ބޭނުންކުރަން ފަށައިފި

އައްޑު އަތޮޅުގައި ކުދި މުށިމަސް ތިޔާގިވެ އެމުގެ ގޮތުގައި ކުދި މުށިމަސް ބޭނުންކުރަން ފަށައިފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން އައްޑޫސިޓީގެ ކެޔޮޅަކު ބުނީ އައްޑުއަށް ރަނގަޅު އެމެއް ނުވައްދާތާ ވަރަށް ޒަމާން ވެދާނެކަމަށާއި ނަމަވެސް މިހާރު މާބޮޑު އުނދަގުލަކާ ނުލާ އެން ހިފޭކަމަށެވެ. އައްޑޫސިޓީގައި އެމުގެ ގޮތުގައި މުށިމަސް ބޭނުންކުރާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެދާނެކަމަށް މަސްވެރިން މަޢުލޫމާތުދެއެވެ.

"ރަންކޮޅާ މުށިމަސް ތިޔާގިވެއްޖެ. މިހިރަ ބޮޑެތި ދޯނިފަހަރު ވަރުކޮށް އަޅާލެވޭނީ ހާދަ ބޯކޮށް މުށިމަސް ހުރީމައޭ. އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުމެވޭތީ އަހަރެމެން ވަރަށް އުފަލުން މިތިބީ. އަލްހަމްދުﷲ". އައްޑޫސިޓީގެ ކެޔޮޅަކު ބުންޏެވެ.

އައްޑޫސިޓީގައި އެންވެރިކަން ރަނގަޅުވުމާ ގުޅިގެން ހުވަދޫ މަސްވެރިންނާއި އެހެން ހިސާބުތަކުގެ މަސްވެރިންވެސް އައްޑުއަށް އެމުގެ ގޮތުގައި މުށިމަސް ހިފުމަށް ހަރަކާތްތެރިވަމުން ދެއެވެ.

"އަހަރެމެން ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު އައްޑުއަތޮޅުގައި ދިއްލީ. މާ ގިނައިރެއްނުވެ ދޯނީގެ ދެކޮޅަށް ވަރުކޮށް މުށިމަސް އަޅައިގެން  ނައްޓާލީ. ރަނގަޅަށް އެން އަޅައިގެން ހުވަދުއަތޮޅަށް އައީ". ގެމަނަފުށީ ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުންޏެވެ.

އައްޑުއަތޮޅުން ހިފާ މުށިމަސް/ ފޮޓޯ: ޒުވާން މަސްވެރިޔާ

އައްޑޫސިޓީގައި މިހާރު ހަރަކާތްްތެރިވާ ގދ.ފަރެސްމާތޮޑާ ބާޚިރާ ދޯނިން ބުނީ މީގެކުރިން އައްޑޫސިޓީން ނުފެންނަ ވަރަށް ކުދި މުށިމަސް ފެންނަކަމަށެވެ.

"އަހަރެމެންވެސް މިދިޔަ ހަފްތާގައި މުށިމަސް ހިފައިގެން ކަނޑަށް ނުކުތީ. މިދިޔަ ހަފްތާގައި އެއް ދުވަހު ބޭނިން 17 ޓަނު. ކުދި މުށިމަހަކީ ރަނގަޅު އެމުގެ ބާވަތެއް." މިދިޔަ މަހު އެއް ދުވަހުން 48 ޓަނު މަސް ބޭނި ދޯނީގެ ކެޔޮޅު ބުންޏެވެ.

އައްޑޫސިޓީގައި މުށިމަސް ގިނައިން ހިފަނީ ދިއްލައިގެން އިރާކޮޅުކަމަށް މަސްވެރިން ބުނެއެވެ. އަދި އައްޑޫސިޓީގެ އެތެރެވަރީ އޮތް ބޯޓެއް ކައިރިން ދުވާލުގަޑީގައިވެސް މުށިމަސް ހިފަމުންދާކަމަށް މަސްވެރިން ބުނެއެވެ. އައްޑޫސިޓީން ހިފާ މުށިމަހުގެ އެވްރެޖް ސައިޒަކީ 2 އިންޗިން ފެށިގެން 4 އިންޗި އާ ދެމެދެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!