މަސްވެރިކަމާއި ގުޅޭ

kanneli masverin

ބޮޑުކަންނެލި ގަންނަ އަގު ބޮޑުކޮށްފި

ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން ކަންނެލި ގަންނަ އަގު ބޮޑުކޮށްފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ، މިހާރު އެންމެ ރަނގަޅު އަގެއްގައި ބޮޑު ކަންނެލި ގަންނަނީ އެންސިސްއިން ކަމަށެވެ. އެންސިސްއިން ކަންނެލި ކިލޯއެއްގެ އަގު ވަނީ 70 ރުފިޔާއަށް ބޮޑުކޮށްފައެވެ. ބޮޑު ކަންނެލީގެ ގޮތުގައި ކުންފުނިތަކުން ބަލަނީ 30 ކިލޯ އަށްވުރެ ބަރު ކަންނެއްޔެވެ. މީގެކުރިން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް އެންސިސްއިން ގަތީ، 55 ރުފިޔާ އަށެވެ. 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ގަންނަ އަގުވެސް ވަނީ 60 ރުފިޔާއަށް ބޮޑުކޮށްފައެެވެ. ކުރިން މިވަރުގެ ކަންނެލި ކިލޯއެއް ގަތީ، 50 ރުފިޔާއަށެެވެ.

ކަންނެލި ގަންނަ އެހެން ކުންފުނިތަކުން ކަންނެލި ގަންނަ އަގަށް ބަލާއިރު، ބިގްފިޝްއިން ކަންނެލި ކިލޯއެއް ގަންނަ އަގުވަނީ 65 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި 18 ކިލޯއާއި 30 ކިލޯގެ ކަންނެލި ގަންނަނީ، 60 ރުފިޔާއަށެވެ. އެކުންފުނިން ކުރިން 18 ކިލޯއާއި 30 ކިލޯގެ ކަންނެލި ގަތީ، 55 ރުފިޔާއަށެވެ.

ސީޕްރިއަ މެރިން ފުޑް ޕްރައިވެޓް ލިމިޓެޑުން ކަންނެލި ގަންނަ އަގަށް ބަލާލާއިރު، އެކުންފުނިންވެސްވަނީ ކަންނެލި ގަންނަ އަގު ބޮޑުކޮށްފައެވެ. އެގޮތުން 18 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް އެކުންފުންޏަށް ގަންނަނީ، 65 ރުފިޔާއަށެވެ. މިދިޔަ ހަފްތާގައި އެކުންފުނިން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 55 ރުފިޔާއަށް ގަތްއިރު، 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް ގަތީ 50 ރުފިޔާއަށެވެ.

ފެކްޓްރީތަކުން ކަންނެލީގެ އަގުބޮޑުކޮށްފައިމިވަނީ، ކަންނެލި ގަންނަ އަގު ދަށްވުމާއި ގުޅިގެން ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ ދަށްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުންފުނިތަކުން ބުނަނީ، މަސްވެރިންނަށް ދޭންޖެހޭ ހަމަ އަގު ނުދެވޭތީ ކުންފުނިތަކުންވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެގޮތަށް ބޮޑު އަގުގައި ކަންނެލި ނުގަނެވެނީ، މަސް ބޭރުކުރުމަށް ދާ ޚަރަދު ބޮޑުވާތީކަމަށް ކަންނެލި ބޭރުކުރާ ކުންފުނިތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!