މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

ކޮވިޑާއި ގުޅިގެން މަސްވެރިން އަމަލުކުރަން ޖެހޭ އުސޫލުތަކަށް ތަބާވުން އެދެން: މިނިސްޓްރީ

ކޮވިޑް-19 ފެތުރެމުން ދާތީ މަސްވެރިންނާއި މަސް ގަންނަ ކުންފުނިތަކުން އަމަލުކުރަން އަންގާފައިވާ އުސޫލުތަކަށް ތަބާވުމަށް ފިޝަރީޒް މިނިސްޓަރީން އިލްތިމާސް ކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިކަމަކަށް އިލްތިމާސް ކުރައްވާފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާތީ މިއަދު ނެރުނު ސާކިއުލާއެއްގައެވެ.

މިނިސްޓްރީގެ ސާކިއުލާގައި ވިދާޅުވީ މަސްވެރިކަން ކުރުމުގައި ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އަދި އެކި ސަރަހައްދުތަކުގައި ގާއިމުވެފައިވާ މަސް ގަންނަ ކުންފުނިތަކަށް މަސް ވިއްކުމުގައި އަމަލު ކުރަންވީ އުސޫލުތައް ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައެވެ.

މިގޮތުން މަސްވެރިކަން ކުރުމަށްފަހު މަސް ގަންނަ ފަރަާތްތަކަށް މަސް ވިއްކުމުގެ މަރުހަލާގައި މަސް ގަންނަ ފެސިލިޓީތަކަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމތައް ހަމަޖެއްސުމަށާއި އަދި މަސްވެރި ދަތުރުތަކުގައި މަސްވެރިކަންކޮށް ނިންމުމަށްފަހު ހަމައެކަނި އުޅަނދު ނިސްބަތްވާ ރަށަށް ދަތުރުކުރުމަށް އިރުޝާދު ދީފައިވާނެކަން މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

މިހާތަނަށް މަސްވެރިންނާއި ކުންފުނިތަކުން ވެސް އުސޫލުތަކަށް ތަބާވިކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު އުޅަނދުފަހަރުގެ ހަރަކާތްތައް ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެނަމަ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދާނެކަމަށެވެ.

އެހެންކަމުން ކުރިން ވެސް އަމަލު ކުރަމުން އައިގޮތައް މަސްދޯނިފަހަރުންނާއި އަދި ކުންފުނިތަކުން ވެސް އަމަލު ކުރަމުން ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ. ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގެ ސެންޓަރުތަކަށް މަސް ވިއްކަން އަންނަ ދޯނިފަހަރުން ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ވިއްކުމުގެ މަރުހަލާ ފުރިހަމަކޮށް ދޯންޏަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް މިނިސްޓްރީން އިލްތިމާސް ކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!