މަސްވެރިކަމާއި ގުޅޭ

ލޯބޮޑު ކަންނެލި - ފޮޓޯ: އޮސްޓްރޭލިއަން ފިޝަރީޒް މެނޭޖްމަންޓް އޮތޯރިޓީ

ލޯބޮޑު ކަންނެލި

ލޯބޮޑު ކަންނެއްޔަކީ ވެސް ދުރަށް ދަތުރުކުރާ މަހެކެވެ. އަދި މިއީ އެޓްލާންޓިކް، އިންޑިއާ އަދި ޕެސިފިކް ކަނޑުގެ ހޫނު ސަރަޙައްދުތަކާއި މެދުމިނަށް ފިނި ސަރަޙައްދުތަކުގައި ވެސް އުޅޭ މަހެކެވެ. މަސް އާންމުކޮށް އުޅެނީ ކަނޑުގެ ސަޠުޙުގެ މަތީ ފަށަލައިގައި، ދެފެން ދޭތެރެއިން ފެށިގެން 250 މީޓަރާ ދެމެދުގެ ފުން މިނުގައެވެ. ލޮނުގަނޑުގެ ފިނިހޫނުމިނުގައި 13 އާއި 29 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި އުޅުމުގެ ޤާބިލުކަން ލިބިފައިވީ ނަމަވެސް، އާންމުގޮތެއްގައި މި މަސް ފެންނަނީ 17 އާއި 22 ޑިގްރީ ސެލްސިއަސް ގެ ފިނިހޫނުމިނުގައެވެ.

ކަނޑުމަހުގެ އެހެން ބާވަތްތަކެކޭ އެއްފަދައިން، ލޯބޮޑުކަންނެއްޔަކީ ވެސް އައިން ހަދައިގެން އުޅޭ މަހެކެވެ. އަދި މިއީ ކުރީކޮޅާއި، ތަންކޮޅެއް ބޮޑެތި ވުމުންވެސް، އައިން ހަދައިގެން ކަނޑުގެ އެންމެ މަތީ ފަށަލައިގައި ދަތުރުކުރާ މަހެކެވެ. ބައެއްފަހަރު ކަޅުބިލަމަސް ނުވަތަ ރީނދޫއުރަހަ ކަންނެއްޔާއެކު، އަދި ބައެއް ހާލަތްތަކުގައި އޮއިވާއްޔާ އެކު މިފަދަ އައިންތައް ދަތުރުކުރެއެވެ. ލޯބޮޑު ކަންނެލި ބޮޑެތިވުމުން ކަނޑުގެ ފުނަށް ދަތުރުކުރެއެވެ.

ލޯބޮޑު ކަންނެލި އެންމެ ބޮޑުވާ ކަމަށް ރިކޯޑުކުރެވިފައިވަނީ 250 ސެންޓިމީޓަރަށެވެ. ނަމަވެސް އާންމުކޮށް ފެންނަނީ 180 ސެންޓިމީޓަރުގެ މަހެވެ. މި ބާވަތުގެ ކަންނެލީގައި އެންމެ ބަރުވެގެން 210 ކިލޯ ހުންނަކަމަށް ވެއެވެ. އަދި އެންމެ ދިގު އުމުރަކަށް ރިކޯޑުކުރެވިފައިވަނީ 11 އަހަރެވެ. އިންޑިއާ ކަނޑުގައި އުޅޭ ލޯބޮޑު ކަންނެލި 100 އާއި 130 ސެންޓިމީޓަރުގައި ދަރިމައިވާ އުމުރަށް އަޅާ ކަމަށްވެއެވެ.

ލޯބޮޑުކަންނެއްޔަކީ ހޫނު ކަނޑުތަކުގައި، މުޅިއަހަރުގެ ތެރޭގައި އެތައް ފަހަރަކު ބިސްދޫކުރާ މަހެކެވެ. މިގޮތުން އަހަރުގެ އެކި ހިސާބުގައި އަދި ހަނދުމަހުގެ މެދުތެރޭގައި ބިސް ދޫކުރެއެވެ.

ދިވެހި މަސްވެރިންނަށް އެންމެ އާންމުކޮށް ފެންނަނީ، ދޮށީގެ މަސްވެރިކަމުގައި ރީނދޫއުރަހަ ކަންނެއްޔާއެކު ބޭނޭ ކުދި ލޯބޮޑުކަންނެއްޔެވެ. ނަމަވެސް، މި ކަންނެލީގެ ބޮޑެތި މަސް ލޭނުމަސްވެރިކަމުގައި ބާނާ އުޅެއެވެ.

ސައިންޓިފިކް ނަން: Thunnus obesus
އިނގިރޭސި ނަން:  ބިގްއައި ޓޫނާ
ދިވެހި ނަން: ލޯބޮޑު ކަންނެިލ

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!