ރާއްޖޭގެ އެންމެ ގިނަ މަސްވެރިން ކުރާ ދޮށީގެ މަސްވެރިންނަށް މަސްކިރުވުމަށްފަހު ވަގުތުން ފައިސާ ނުދޭ މައްސަލަޔަކީ މިފަހަކަށް މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މަސްކިރުމަށްފަހު ބިލް ހިފައިގެން އެ ބިލަށް ފައިސާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހެއް މަޑުކުރަންޖެހެއެވެ. މިހާރުވެސް ބައެއް ދޯނިފަހަރަށް މިލިޔަނުން ފައިސާ ދޭންޖެހިފައިވާކަަމަށް މަސްވެރިން ބުނެއެވެ.
މަސްވެރިންނަށް ނުދެވިހުރި ފައިސާ ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ބުނެފައިވާއިރު، މަސްވެރިންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބުމަކީ އެމީހުންގެ އުންމީދެވެ. މަސްވެރިން ކުރާ ބުރަ މަސައްކަތަށް ހަމަ އަގު ނުލިބޭއިރު ކިރާ މަހަށް ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވުމަކީ މަސްވެރިންގެ ނުހަނު ކަންބޮޑުވުމެކެވެ.