މަސްވެރިކަމާއި ގުޅޭ

IMG_7240

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ޔޫތު މިނިސްޓްރީ އާއެކު މިފްކޯއިން ސޮއިކޮއްފި

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީ
އޮފް ޔޫތު އެންޑް ކޮމިނިޓީ އެމްޕަވަރމަންޓް އިން އިސްނަންގަވައިގެން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި
މިފްކޯ އިން ބައިވެރިވެ ޔޫތު މިނިސްޓްރީއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮއްފިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި މިފްކޯގެ ފަރާތުން ބައިވެރިވެ ތަފާތު 06 ދާއިރާއިން ޖުމްލަ 22 ސްލޮޓް އަށް ޒުވާނުން ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިވަގުތު ކުންފުންޏަށް އެންމެ ބޭނުންތެރި އަދި މަސައްކަތުގެ ހުނަރު ބޭނުންވާ ދާއިރާތައްކަމަށްވާ އިލެކްޓްރިކަލް އިންސްޓޯލޭޝަން އެންޑް މައިންޓަނަންސް، ވެލްޑިންގ ޓެކްނިކްސް، އޮޓޮމޯޓިވް މެއިންޓަނަންސް، މެރިން މެކޭނިކް، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް އަދި ފިޝް ޕްރޮސެސިންގ އެންޑް ކުއަލިޓީ ކޮންޓްރޯލް ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށް ކަމަށް މިފްކޯއިން ބުނެއެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ދަށުން ތަމްރީނު ކުރެވޭ ޒުވާނުން ކުރިމަތިލާފައިވާ ދާއިރާތަކާއި ގުޅޭ މަސައްކަތްތަކުގައި އެ ޒުވާނުން އަމަލީ ގޮތުން ބައިވެރިކޮށް ތަމްރީނު ކޮށްދޭނެއެވެ. އެހެންކަމުން 06 މަސް ދުވަހުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިގެންދާ އިރު ވަޒީފާގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓް ލިބިގެންދާނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން މިފްކޯގައި މިވަގުތު ތިބި މަސައްކަތުގެ ހުނަރު ހުރި ނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ނެތް މުވައްޒަފުންނަށް ޕްރޮގްރާމްގައި ބައިވެރިވެގެން ސެޓްފިކެޓް ޙާޞިލް ކުރުމުގެ
ފުރުޞަތުވެސް ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ. މިގޮތުން މިފްކޯގައި މިވަގުތު ވަޒީފާ އަދާކުރާ ޖުމްލަ 7 މުވައްޒަފުންނަށް އެފުރުޞަތު ދިނުމަށް ޔޫތު މިނިސްޓްރީން ނިންމަވާފައިވާކަމަށާއި އެހެންކަމުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަކީ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ވަރަށް ބޭނުންތެރި މުހިއްމު ޕްރޮގްރާމެއްކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި އަލަށް ބައިވެރިވާ ޒުވާނުން މަސައްކަތް ދަސްކުރަން މިކުންފުނީގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ ދުވަސްތަކަށް 3000 ރުފިޔާގެ އެލަވަންސްއެއްވެސް ލިބިގެންދާނެއެވެ. އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީނު ލިބޭ ޒުވާނުން ޕްރޮގްރާމް ނިންމާފައި މިފްކޯ ގައި ވަޒީފާ އަދާ ކުރުމުގެ ފުރުޞަތު ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމް ގެ ޒަރީޢާއިން ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ހުރި ޤާބިލް ޒުވާނުންތަކެއް އުފެދިގެން ދާނެކަމަށް މިފްކޯއިން އުންމީދު ކުރެއެވެ. އަދި ކިޔަވައިގެން ތިބި ނަމަވެސް ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ ނުލިބި ތިބި ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބުމަށް ހުޅުވާލެވޭ ދޮރަކަށްވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފްކޯއިން މިފަދަ ޕްރޮގްރާމްގައި ބައިވެރިވެ ޒުވާނުން ވަޒީފާ އަށް އަހުލުވެރިކުރުމަށް ބޭނުންވާ ހުނަރު ފޯރުކޮށްދިނުމުގައި ސާބިތުކަމާއި
އެކީ ތިބޭނޭ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!