މަސްވެރިކަމާއި ގުޅޭ

TS line

ދެކުނުގެ މަސްވެރިކަން ރަނގަޅު، "ޓީއެސް ލައިން" ދޯނިން އިއްޔެ އެކަނިވެސް 45.9 ޓަނުމަސް ބޭނި!

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ދޯނިފަހަރުން މަސްބާނާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އިއްޔެއަކީ ހުވަދުއަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދަށް މަސްވެރިކަން ވަރަށް ރަނގަޅު ދުވަހެކެވެ. ދެކުނުގެ އަތޮޅުތަކުން މިފްކޯއަށް 307 ޓަނުގެ މަސް އިއްޔެ އެކަނިވެސް ލިބުނެވެ. އިއްޔަ އެންމެ ގިނަ އަދަދަކަށް މަސް ބޭނިކަމަށް މިފްކޯގެ ރިކޯޑްތަކުން ފެންނަނީ ގދ. މަޑަވެލީ ޓީއެސް ލައިން ދޯންޏެވެ. ޓީއެސްލައިން ދޯނިން 49.9 ޓަނު ކޫއްޑޫއަށް ކިރުވިއިރު 2 ވަނައަށް އެންމެ ގިނަ މަސް އިއްޔެ މަސް ކިރުވީ ފަރެސްމާތޮޑާ ރިނައިސް ދޯނިންނެވެ. އެދޯނިން 19 ޓަނު ކިރުވިއިރު 3 ވަނައަށް އެންމެ ގިނަމަސް އިއްޔެ ކިރުވީ ފަރެސްމާތޮޑާ ސަފީނާ ދޯނިންނެވެ. އެ ދޯނިން 17 ޓަނުގެ މަސް އިއްޔެ ކިރުވިއެވެ.

ޓީއެސްލައިން ދޯނިން އިއްޔެ މަސް ބާނާފައިވަނީ މަޑަވެއްޔާ ދިމާލުން 50 މޭލު ބޭރުން ކަމަށް މަޢުލޫމާތު ލިބެއެވެ. 49 ޓަމު 900 ކިލޯއާއެކު މިއަހަރު މިހާތަނަށް އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ދޯންޏަކަށް އެދޯނި ވަނީ ވެފައެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އެދޯނިން 105 ޓަނުގެ މަސް ބޭނިކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ އަހަރު އެއް ދުވަހުން އެންމެ ގިނައިން މަސްބޭނީ ގދ. ފަރެސްމާތޮޑާ ބާޚިރާ ދޯނިންނެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 28 ވަނަ ދުވަހު ބާޚިރާ ދޯނިން ޖުމްލަ 48 ޓަނު މަސް ބޭނިއެވެ. އެދުވަހު އެ ދޯނިން ކޫއްޑުއަށް 41 ޓަނު 4 ސަތޭކަ ކިލޯ ކިރުވިއިރު ތ. ހިރިލަންދުއަށް 6 ޓަނު މަސް ކިރުވިއެވެ.

އެއް ދުވަހުން އެންމެ ގިނަ މަސް ބޭނިކަމުގެ ރިކޯޑް އޮތީ ގދ. ތިނަދޫ ރަސްމަގު ދޯނީގައެވެ. އެ ދޯނިން އެއް ދުވަހުން 56 ޓަނުގެ މަސް ބޭނިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!