މަސްވެރިކަމާއި ގުޅޭ

Forum

މަސްވެރިންގެ ފޯރަމް ނިންމާލައިފި

އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް ގާފަރު ސްކޫލްގައި ކުރިއަށް ދިޔަ މި ފޯރަމްގައި މިއަދު މައިގަނޑު ގޮތެއްގައި ކުރިއަށްގެންދެވީ މަސްވެރިކަންކުރާ ފާރާތްތަކަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމުގެ މުޙިއްމުކަމުގެ މައްޗަށް މަޝްވަރާކުރުމާއި ޕެންޝަން އޮފީހުގެ އިސް ބޭފުޅުން މެދުވެރިކުރައްވާ ޕެންޝަން އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފޯރަމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވުމެވެ.

އަދި ހަމަ މިއަދުގެ ފޯރަމްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެންވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ހުރަސްތަކުގެ މައްޗަށާއި، މަސްވެރިކަމުގެ ތަފާސް ހިސާބާއި މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މުޙިއްމުކަމުގެ މައްޗަށް ވެސް ފޯރަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. އަދި މީގެ އިތުރުން މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ "ނޫރާއްޖެ" ޕްރޮގްރާމާއި ގުޅޭގޮތުން ވެސް ފޯރަމްގެ ބައިވެރިންނަށް މިއަދު މަޢުލޫމާތުދެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސް ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެލެއްވި މި ފޯރަމްގައި އިއްޔެ މައިގަނޑު ގޮތެއްގައި އަލި އަޅުއްވާލައްވާފައި ވަނީ، މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގައިހުރި ގޮންޖެހުންތަކުގެ ތެރެއިން މަތީއަގު ލިބޭ މުހިއްމު މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް ފުރުސަތު ކުޑަވުމުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، ތެޔޮ ބޭނުންވާ މިންވަރު އިތުރުވެ، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށެވެ.

މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށްކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭގޮތައް ޕްރޯސަސްނުކޮށް، ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ޖެހުމުގެ މައްޗަށް ވެސް، މިއަދުގެ ފޯރަމްގެ ބައިވެރިންނާއި މަސްވެރިކަމާބެހޭ ވުޒާރާގެ އިސް ބޭފުޅުން އަދި މި ސިނާޢަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާމެދު އިއްޔެ ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

އަދި ހަމަ ދެމެހެއްޓެނެވި ގޮތުގައި ދޮށިން ނުވަތަ އަތުނަނުގައި ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި ދުނިޔޭގެ ބައެއް އެހެން ސަޕްލަޔަރުންނަށް ރާއްޖެއަށް ވުރެ ކުޑައަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސްވިއްކޭކަން ފާހަގަކޮށް އެންވެރިކަމުގައި ހުރި ގޮންޖެހުންތަކާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއިގުޅިގެން ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އިއްޔެ ތަފާތު ބަހުސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ޚާއްސަކޮށްގެން މިފަދަ ފޯރަމެއް ބޭއްވި މައިގަނޑު މަޤުޞަދަކީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުތައް އަހާ، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވުން ކަމުގައި މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!