މަސްވެރިކަމާއި ގުޅޭ

Masveringe Adu

މަސްވެރިންނަށް ލިބެމުންދާ ގެއްލުންތައް ހައްލުކޮށް ދިނުމަށް ގޮވާލާ ގއ. އަތޮޅު ކައުންސިލުން ގާރާރެއް

މިފްކޯއިން މަހުގެ އަގު ކޮންޓްރޯލް ކުރުމާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ނުކުރުމުގެ ސަބަބުން މަސްވެރިންނަށް ލިބެމުންދާ ގެއްލުންތައް ހައްލުކޮށް ދިނުމަށް ގޮވާލާ ގއ. އަތޮޅު ކައުންސިލުން ގާރާރެއް ނެރެފިއެވެ.

އެ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ސޮޔާއި އެކު ނެރެފައިވާ ޤަރާރުގައިވަނީ މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވެފައި އަދި ވަކިން ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް އާދަޔާއި ޙިލާފަށް މަސްވެރިކަން ރަނގަޅު މި ދުވަސްވަރުގައި މަސްދޯނި ފަހަރުން ބާނާ މަސްނުކިރި ބާނާ މަސްކޮޅު ކިރުމަށް ތިންހަތަރުދުވަހެއް ހޭދަވާތީ މަސްވެރިންގެ އެތަކެއް ޝަކުވާތަކެއް ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ.

ހުވަދު އަތޮޅަކީ ޒަމާނުއްސުރެ މަސްވެރިކަން ރަނގަޅު އަތޮޅަކަށްވެފައި ހުވަދުއަތޮޅުގައި އެކަނިވެސް 200 އަށްވުރެ ގިނަ މަސް ދޯނި މަސްވެރިކަމުގައި ބޭނުންކޮށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވުނީއްސުރެ ހުވަދު އަތޮޅުގެ މަސްވެރިން މަސްކިރަމުންދަނީ ކޫއްޑޫއަށް ކަމަށާއި، 1996ގައި ކޫއްޑޫ އުފެދުނީއްސުރެ ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ކޫއްޑޫއަށް އެކަށީގެންވާ ތަރައްގީއެއް ގެނެވިފައިނުވާކަން އެކައުންސިލުން ފަހަގަކުރެއެވެ.

ކޫއްޑޫ ހުޅުވި ދުވަސްވަރު ބޭނުންކުރި ފުރަތަމަ ޖީލުގެ މަސްދޯނިފަހަރުތައް ތަރައްގީވެ 3 ޖީލު ފަހަނައަޅާ ދިޔައިރުވެސް ކޫއްޑޫގެ ތަރައްގީއަށް މާބޮޑު ކުރިއެރުންތަކެއް ގެނެވިފައިނުވާކަންވެސް އެ ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ޤަރާރުގައިވަނީ ކޫއްޑޫގެ ބްރޭން ބޮޑުކޮށް ކެޕޭސިޓީ އިތުރުކުރާނެކަމަށް ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައިވެސް ކޮންމެ އަހަރަކު އެވާހަކަ އެކި ލެވަލްތަކުގައި ދައްކަމުން ދިޔަ ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށްފައެވެ.

މަސްވެރިކަން ރަނގަޅު ކޮންމެ ދުވަސްވަރެއްގައިވެސް ދެކުނުގެ އަތޮޅުތަކުގައި މަސްވެރިންގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ މަސްދޯނި ފަހަރުވެސް އާންމުކޮށް މަސްކިރަމުންދަނީ ކޫއްޑޫއަށެވެ.

ކޫއްޑޫގައި ގާއިމްކޮށްފައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކޮށް ކޫއްޑޫ ތަރައްޤީ ކުރުމުގެ މަސައްކަތް ފެއްޓުން އަވަސްކުރުމަށް އެކި ލެވަލްތަކުގައި މަސައްކަތް ކުރެވިފައިވީ ނަމަވެސް ކޫއްޑޫގެ ތަރައްޤީއަށް މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައިނުވުމާއި، ކޫއްޑޫގައި ކޭނިންގ ފެކްޓްރީއެއް އަޅާދޭނެ ކަމަށް މި ސަރުކާރުގެ ރިޔާސީ ކެމްޕޭންގައި ރައީސް ވިދާޅުވެފައިވީނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ތަންފީޒް ކުރެވިފައިނުވާތީ ވީއެންމެ އަވަހަކަށް ކޫއްޑޫގައި ކޭނިންގ ފެކްޓްރީއެއް އަޅުއްވައި ދެއްވާ، އެއްވެސް ކޮންޓްރޯލެއް ނެތި މަސްގަތުމުގެ ގާބިލްކަން ކޫއްޑޫގައި އިތުރުކޮށް، މަސްވެރިންގެ ޝަކުވާތަކަށް އަވަސްހައްލެއް ހޯދައިދިނުމަށާއި، އައިސް ޕްލާންޓުތައް ބެހެއްޓިފައިވާ ރަށްތަކުގެ ޕްލާންޓް ކެޕޭސިޓީ އިތުރުކުރުން އަވަސްކޮށް އަދި އައިސްޕްލާންޓް ބެހެއްޓިފައިނެތް ރަށްރަށުގައި އައިސް ޕްލާންޓުތައް ބެހެއްޓުމާއި އެކު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ރާވާފައިވާ ކަންތައްތައް ވީ އެންމެ އަވަހަކަށް ތަންފީޒްކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އެންމެހާ ދާއިރާތަކަށް ގޮވާލާ މިމަހުގެ 27ވަނަ ދުވަހު ބޭއްވި ގއ. އަތޮޅު ކައުންސިލްގެ 25ވަނަ އާންމު ބައްދަލުވުމުން މި ޤަރާރު ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!