މަސްވެރިކަމާއި ގުޅޭ

އަލިދަންބޮޑު

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގާތަކާއި މުރަކަތަކުގެ ނިވަލުގައި، ޢާއްމުގޮތެއްގައި 10 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭމަހެކެވެ.

ދުވާލުގެ ވަގުތުތަކުގައި މިމަސް އުޅެނީ އެހެނިހެން ދަންބޮޑެކޭ އެއްބީދައިން ހޮހަޅަތަކާއި ގާތަކުގެ ތެރޭގައެވެ. ރޭވުމުން ކާނާ ހޯދަން ބޭރަށް ނުކުމެއުޅެއެވެ. މިއީ ދިވެހިން ކުރާ ރޭގަޑު ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ މަހެކެވެ. ނަމަވެސް މިއީ ދިވެހިން އާދަވެގެން ކެއުމަށް ބޭނުންކުރާ މަހެއްނޫނެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

މަހުގެ ކަންފަތްގަޑުގެ ބުޑުގައި ހުޅުނބެއް ނުހުރެއެވެ. މަހުގެ ކުލައަކީ ފަނޑުރަތްކުލައެކެވެ. މަހުގެ ކަރުތާފަތާދިމާ ބަނޑުދަށުގައި ހުންނަ ކޮތަރިފިޔަވާ އެހެން ކޮތަރިތައް ހުންނަނީ ރަތްކުލައެއްގައެވެ. އަދި ހުންނަނީ މާރަތްކޮށެވެ. ކަރުތާފަތުގެ މަތީކައިރިފަށުގައި މުށިކުލައިގެ ލަފެއްހުރެއެވެ. ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާ ވަކިނަމެއް ރެކޯޑް ކުރެވިފައެއްނެތެވެ. ވީމާ މަހުގެ ސިފައަކާއި ކުލައަށް ބަލާފައި "އަލިދަންބޮޑު" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Scarlet soldierfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!