މަސްވެރިކަމާއި ގުޅޭ

ބެރެބެދި ރައިވެރިމަސް

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ހުންނަ މުރަކަތަކުގެ ކައިރީގައި އުޅޭ ރައިވެރިވަހެކެވެ.

މިއީ ދިވެހި މަސްވެރިން ކުރާ ރޭގަނޑު ކެޔޮޅުކަމުގައި ވަރަށް މަދުން ބޭނިދާނެ ކެއުމަށް ބޭނުންކުރެވިދާނެ މަހެކެވެ. މިބާވަތުގެ ރައިވެރިމަސް ރާއްޖެއިން މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. ވީމާ މިއީ މަދުން ރާއްޖޭގައި އުޅޭބާވަތެއްކަމުގައި ބެލިދާނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 9 ނުވަތަ 10 (ގިނައިން 9) މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި 4 ބަރިއަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައާއި ރިހިކުލަ ގުޅިގެން ފެންނަ ރަތްކުލައެކެވެ. މަހުގެ ދެއަރިމަތީގައި ގަދަރަތްކުލައިގެ (ބެރެބެދިމަލުގެ ކުލައިގެ) ރޮނގުތަކެއް މަހުގެ ދިގަށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރަތްކުލައެއްގައެވެ. އަދި މިކޮތަރިބައިގެ ކޮޅު ހުންނަނީ ހުދު ކުލައިގައެވެ.

މިމަސް އެންމެ ބޮޑުވަނީ 16.5 ސެންޓިމީޓަރަށެވެ. މިބާވަތުގެ ރައިވެރިމަހަށް ކިޔާއުޅޭ ދިވެހިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި އެންމެ ފާޅުކޮށް ފެންނަ ކުލައަށް ވިސްނާ މިމަހަށް "ބެރެބެދި ރައިވެރިމަސް" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: : Pink-striped squirrelfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!