މަސްވެރިކަމާއި ގުޅޭ

އިހި މެނޭޖްކުރުމުގެ ގޮތުން ކުރިން އަޅާފައިވާ ފިޔަވަޅުތައް

އިހީގެ ގިނަ ބާވަތްތަކަކީ ލަހުން ބޮޑުވާ އަދި ލަހުން ފުރާވަރަށް އަރާ ބާވަތްތަކެއް ކަމުން، ބެލެހެއްޓުމެއް ނެތި އަދި މެނޭޖް ކުރުމެއްނެތި ކުރާ މަސްވެރިކަމުގެ ނޭދެވޭ އަސަރު އިހީގެ ބާވަތްތަކުގެ އާބާދީއަށް ވަރަށް ފަސޭހައިން ކުރެއެވެ. އެހެންކަމުން، މިފަދަ އަސަރުތައް ކުޑަކޮށް، ޅަ އިހި ނެގޭ މިންވަރު މަދުކޮށް، އިހީގެ އާބާދީ އާލާވުމަށް ފުރުޞަތު ދިނުމަށްޓަކައި އަދި ދިވެހިރާއްޖޭގައި ކުރާ އިހީގެ މަސްވެރިކަމަކީ ދިގު މުއްދަތަކަށް އެ މަސްވެރިކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިއްބައިދޭ މަސްވެރިކަމަކަށް ހެދުމަށްޓަކައި ބެލެހެއްޓުމުގެ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ފިޔަވަޅުތަކެއް މިނިސްޓްރީން ވަނީ އަޅާފައެވެ.

މީގެ ގިނަ ފިޔަވަޅުތައް އަޅައިފައިވަނީ 1990 ގެ އަހަރުތަކުގައި ކުރެވުނު އިޢުލާނުތަކަކުންނެވެ. މިގޮތުން 1993 ވަނަ އަހަރު، ބަނޑުދަށުގައި ބިސް ހުރި އިއްސާއި ދިގުމިނުގައި 25 ސެންޓިމީޓަރު ހަމަނުވާ އިހި ނެގުންވަނީ މަނާކޮށްފައެވެ. އަދި 1996 ވަނަ އަހަރު، އިއްސާއި އިހީގެ މަސް އެކްސްޕޯޓުކުރުން މަނާކޮށްފައިވެއެވެ. މި ފިޔަވަޅުތައް ވަނީ 2006 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ހިމަނާފައެވެ. އަދި މި ގަވާއިދުގެ ދަށުން ވައިފުޅި އަޅައިގެން ފީނައިގެން އިހި ނެގުންވެސް ވަނީ މަނާކޮށްފައެވެ.

2019 ވަނަ އަހަރު ޢަމަލުކުރަން ފެށި، ޤާނޫނު ނަންބަރު: 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި މި ފިޔަވަޅުތައް މުރާޖަޢާކޮށް، ހިމަނާފައިވެއެވެ. މިގޮތުން، ބަނޑުދަށުގައި ބިސްހުރި އިހި ނެގުމާއި، އިއްސާއި އިހީގެ މަސް އެކްސްޕޯޓުކުރުން ވަނީ، ގަވާއިދު ނަންބަރު 75-R/2020 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގެ ދަށުން މަނާކުރެވިފައެވެ. މީގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ، އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ އިހީގެ ބާވަތްތަކުގެ ތެރެއިން ތޮށިގަނޑުގެ ދިގުމިނުގައި 6.7 ސެންޓިމީޓަރު ހަމަ ނުވާ އިހި ނެގުން ވަނީ މަނާކޮށްފައެވެ. އަދި މި ސައިޒް ލިމިޓާ ޚިލާފަށް އިހީގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްކުރުން އަދި އެފަދަ ބާވަތެއް ޕްރޮސެސްކުރުންވެސް ވަނީ މަނާކޮށްފައެވެ.

(ހ) Panulirus japonicus (ޖަޕަނީޒް ސްޕައިނީ ލޮބްސްޓަރ)؛

(ށ) Panulirus longipes (ލޯންގް ލެގްޑް ސްޕައިނީ ލޮބްސްޓަރ)؛

(ނ) Panulirus ornatus (އޯރނޭޓް ސްޕައިނީ ލޮބްސްޓަރ / އޯރނޭޓް ޓްރޮޕިކަލް ރޮކް ލޮބްސްޓަރ)؛

(ރ) Panulirus penicillatus (ޕްރޮންގްހޯރން ސްޕައިނީ ލޮބްސްޓަރ)؛

(ބ) Panulirus polyphagus (މަޑް ސްޕައިނީ ލޮބްސްޓަރ)؛

(ޅ) Panulirus versicolor (ޕެއިންޓަޑް ރޮކް ލޮބްސްޓަރ / ކޮމަން ރޮކް ލޮބްސްޓަރ / ބްލޫ ސްޕައިނީ ލޮބްސްޓަރ)

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!