މަސްވެރިކަމާއި ގުޅޭ

އޮއިވާލި ކަނދުފަތި

ޕާރސް ސެއިން މަސްވެރިކަމުގައި ދޫކުރާ އޮޔާދާ ކަނދުފަތި، އިންޑިޔާ ކަނޑުގެ މަސްވެރިކަމަށް ހުރި ގެއްލުމެއް

އިންޑިޔާ ކަނޑުގައި އޮއިވާލި ކަނދުފަތީގެ އެހީގައި ކަނޑުމަހުގެ މަސްވެރިކަން، ކުރަން ފުރަތަމަ ފެށިބަޔަކީ ދިވެހިރާއްޖެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގައި މި މަސައްކަތް ފަށާފައިވަނީ 1982 ވަނަ އަހަރު ބޭރުގެ އެހީ ލިބިގެން އަޖުމަ ބެލުމުގެ ގޮތުން ރާއްޖޭގެ ކުރެވެން ފެށި މަސައްކަތަކުންނެވެ. ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރެވޭ އޮއިވާލި ކަނދުފައްޗަކީ ނަގިލި ލައިގެން ފުންކަނޑުގައި ހަރުކުރެވޭ ކަނދުފަތިތަކެކެވެ. މަސްވެރިންގެ ފައިދާ އަށާއި މަސްވެރިކަން ކުރިއެރުއްވުމަށް ސަރުކާރުގެ ބަޖެޓުން ކަނޑަނޭޅި 33 އަހަރަށް ދެމިގެން މިދާ މަސައްކަތް މިހާރު ވަނީ ވަރަށް ފުރިހަމައަށް ތަރައްޤީ ކުރެވިފައެވެ. ރާއްޖޭގެ އަތޮޅުތަކުގެ ބޭރުގައި ހަރުކުރެވިފައިވާ 50 ހަކަށް ކަނދުފަތީގެ ވިއުގާ ބެލެހެއްޓުމުގެ އިންތިޒާމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގުރިކަލްޗަރގައި ވަރަށް ފުރިހަމަޔަށް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރެވޭ ކަނދުފައްޗަކީ ނަގިލި ލައި ވަކިތަނެއްގައި ހަރުކުރެވޭ ކަނދުފައްޗެވެ. އުޞޫލެއްގެ ގޮތުން މިނިސްޓްރީއިން ބަލަމުން ގެންދަނީ ކަނދުފަތީގެ ޖުމްލް އަދަދު އިތުރު ނުކޮށް ކަނޑައިގެންދާ ކަނދުފަތި އަލުން އަޅާ ބަލަހައްޓައި ދިނުމަށެވެ.

އަޅުގަނޑު މިމަޢުޟޫޢުގައި އަލިއަޅުވާލަން ބޭނުންވަނީ ހުޅަނގު އިންޑިޔާގައި ކުރެވޭ ޕާރސް ސެއިން (ބޮޑުދަލުގެ) މަސްވެރިމުގައި އޮޔާދާގޮތަށް ދޫކުރެވޭ އޮޔާދާ ކަނދުފައްޗާއި ގުޅޭ މައުލޫމާތާއި އަދި އެކަމުގެ ސަބަބުން ރާއްޖެފަދަ އައްސޭރި ޤައުމުތަކުގެ މަސްވެރިކަމަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރު ތަކާއި ބެހޭގޮތުންނެވެ. އަދި އެފަދަ ކަނދުފަތި ރާއްޖޭގެ ސަރަހައްދުން މަސްވެރިންނަށް ފެނުމުން އެމައުލޫމާތު ރެކޯޑުކޮށް މެރިން ރިސާރޗު ސެންޓަރަށް ފޮނުވުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

1984 ވަނަ އަހަރު ހުޅަނގު އިންޑިޔާ ކަނޑަށް ޔޫރަޕިއަން ޔޫނިއަންއިން ތާއާރަފު ކުރި ޕާރސް ސެއިން މަސްވެރިކަން މިހާރު މިވަނީ އިންތިހާއަށް ފުޅާވެފައެވެ. ޖުމްލަގޮތެއްގައި ދަންނަވާނަމަ ސްޕައިން އަދި ފަރަންސޭސި ވިލާތުގެ އުޅަނދު ފަހަރު ބައިވެރިވާ މި މަސްވެރިކަމުގައި މިހާރު އެވްރެޖްކޮށް 50 އަކަށް އުޅަނދު ހަރަކާތްތެރިވެއެވެ. މުޅި އިންޑިޔާ ކަނޑުން ހިފޭ ގާތްގަޑަކަށް 1 މިލިޔަން ޓަނުގެ ކަނޑުމަހުގެ ބާވަތްތަކުގެ %60 އަށް ވުރެން މަތީ މިންވަރެއް ހިފަނީ ޕާރސްސެއިން މަސްވެރިކަމުގައެވެ. މިމަސްވެރިކަން ފުޅާވެ އިތުރުވަމުން އައުމުގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ސިއްރަކީ އޮއިވާލި ކަނދުފަތި ބޭނުންކުރުމެވެ.

ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރާ ނަގިލިލާފައި އެއްތަނެއްގައި ހިފެއްޓިފައިހުންނަ ކަނދުފައްޗާއި ޚިލާފަށް ޕާރސްސެއިން މަސްވެރިކަމުގައި ބޭނުންކުރަނީ އޮޔާދާ ކަނދުފައްޗެވެ. ފަހަކަށް އައިސް ދޫކުރެވޭ ކޮންމެ ކަނދުފައްޗަކީ ޖީޕީއެސް ހަރުކުރެވި އަދި ކަނދުފަތި ދަށުގައި މަސްހުރި މިންވަރު ދެނެގަތުމަށްޓަކައި އެކޯސްޓިކް ސޯނާވެސް ހަރުކޮށްފައި ހުންނަ ކަނދުފައްޗެވެ. ރާއްޖޭގެ މަސްވެރިން ޢާންމުކޮށް ހޮވާ ޕުލާސްޓިކް (ޕާރސްޕެކްސް) ޑޯމްއެއްގެ ތެރޭގައި ސޯލާފެނަލް ހަރުކޮށްފައި އެހުންނަނީ މިފަދަ ޖީޕީއެސްއާއިއެކް ހުންނަ ބޮއިއެވެ. އޮޔާދާ ކަނދުފަތީގައި ހަރުކުރެވި ދޫކުރެވޭ ކޮންމެ ބޮޔަކީ އެދޫކުރާ އުޅަނދަކުން މޮނިޓަރ ކުރެވޭ އެއްޗެކެވެ. އެކޯސްޓިކް ސިގްނަލްތަކުން ދައްކުވައިދޭ މައުލޫމާތުގެ އަލީގައި އޮއިދަށުގައި މަސްހުރި މިންވަރު ދެނެގަނެވެއެވެ.

2014 ވަނައަހަރު ޔޫރަޕިއަން ސައިންޓިސްޓުން ހާމަ ކުރެއްވި ގޮތުގައި މަދުވެގެން 10000 މިފަދަ ބޮއި ޔޫރަޕްގެ އުޅަނދު ފަހަރުތަކުން އެއްވަގުތެއގައި މޮނީޓަރ ކުރަމުން ގޮސްފައިވެއެވެ. މި މަޢުލޫމާތުން ދޭހަވަނީ އެވްރެޖްކޮށް ކޮންމެ އުޅަނދަކަށް އެއްވަގުތެއްގައި 200 ކަނދުފަތި މޮނިޓަރ ކުރަމުން ދާކަމެކެވެ. އެންމެ ފަހުން އޭޕްރިލް މަހުގެ (2015 ވަނަ އަހަރުގެ) ފަހުކޮޅު ސައުތު ކޮރެއާއިގައި ބޭއްވުނު އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ޖަލްސާގައި ޔޫރަޕިއަން ޔޫނިޔަން އިން އިސްނަގައިގެން ވަނީ ކޮންމެ އުޅަދަކަށް އެއްވަގުތާ ގިނަވެގެން 550 މިފަދަ ކަނދުފަތި މޮނިޓަރ ކުރެވޭނެ ގޮތަށް ޤަރާރެއް ފާސްކޮށްފައެވެ. ވުމާއިއެކު ޕާރސްސެއިން މިއަދަދަށް ބޮއި ބޭނުންކުރަމުން ދާކަމުގައި ވަނީނަމަ މީގެ މާނައަކީ ކަނޑުތެރޭގައި އެއްވަގުތެއްގައި 27500 އޮޔާދާ ކަނދުފަތި އުޅޭނެކަމެވެ.

މިގޮތަށް ދޫކުރެވޭ ކަނދުފަތި ޕާރސްސެއިން މަސްވެރިކަންކުރާ ސަރަހައްދުން ބޭރުވެއްޖެނަމަ ނުވަތަ އެހެން ޤައުމެއްގެ އިޤްތިޞާދީ ސަރަހައްދުގެ ރެއަށް ވަދެއްޖެނަމަ އެކަނދުފަތި ސިގްނަލް އޮފް ކޮއްލާ އެކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ދޫކުރުމުގެ އިޚްތިޔާރު އެއުޅަނދަކަށް ލިބިގެންވެއެވެ. އަދި މިހެންވާނަމަ އެތަށް ގިނަގުނަ އަދަދެއްގެ އޮޔާދާ ކަނދުފަތި ކަނޑުތެރޭގައި އުޅޭނެއެވެ.

އިންޑިޔާކަނޑުގެ މަސްވެރިކަން ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަ ކުރަމުންދާގޮތުގައި ކަނޑުތެރޭގައި އާދަޔާއި ޙިލާފަށް އޮއިވާލި ކަނދުފަތި ގިނަވެއްޖެނަމަ ކަނޑުގާ މަސްއައިން އުފެދުން މަދުވާނެއެވެ. އޮޔާދާ ކަނދުފަތީގެ މައިގަނޑު ބޭނުމަކީ ކަނދުފަތި ކައިރިއަށް މަސް ޖަމާކޮށް ޕާރސް ސެއިން އޮޕަރޭޝަންގައި މަސްހިފޭ ރޭޓް މަތިކުރުމެވެ. ޕާރސް ސެއިން މަސްވެރިކަމުގައި ހިފޭ %80 މަހަކީ (ކަޅުބިލަމަސް/ ކަންނެއްޔަކީ) އޮޔާދާ ކަނދުފަތީގައި ދައު އަޅާގެން ހިފާ މަހެވެ.

މިފަދަ ގޮތަކަށް މިހާގިނަ ކަނދުފަތި ބޭނުން ކުރުމަކީ މަސްވެރިކަމަށް ކިހާ ގެއްލުމެއް ލިބިދާނެ ކަމެއްތޯއެވެ؟. ދިރާސާތަކުން ދައްކާގޮތުން އޮޔާދާގޮތަށް ދޫކުރެވޭ ކަނދުފަތި ތަކުން ޕާރސްސެއިން ދައު އެޅުމުން ކަނދުފަތީގެ ދަށުގައި އެކުލެވޭ ކަނޑުމަހުގެ އިތުރުށް ހިފަން ބޭނުން ނުވާ ބާވަތްތައްވެސް ހިފެއެވެ. އަދި މިހެން ވުމުން ކަނޑުގެ ވެށީގެ ނިޒާމަށް ބޮޑެތި ގެއްލުން ވާކަމަށް އެފަރާތްތަކުން އަޑު އުފުލަމުން ގެންދެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދަށް ކުދި ކަނޑުމަސް ހިފުމާއި އަދި ބޭނުން ނުކުރެވޭ ބާވަތްތައް ހިފުމާއި މިފަދަ ބާވަތްތައް މަރުވެ އުކާލަންޖެހުން ހިމެނެއެވެ. މީގެ އިތުރުން ގިނަ ޢަދަދަކަށް މިޔަރާއި ވެލާ އަދި ކޯމަސް ހިފި ބައެއްފަހަރު ބޮޑުމަހުގެ ބާވަތްތަކަށް ވެސް ގެއްލުން ލިބެއެވެ. ބޮޑުދަލުގެ މަސްވެރިކަމުން މިޔަރުގެ އާބާދީތަކަށް ލިބެމުންދާ ގެއްލުމަކީ ވަރަށް އާއްމުކޮށް އެނގޭކަމެކެވެ.

ކުރިން ދެންނެވުނު ގޮތަށް އޮޔާދާ ކަނދުފަތި އެއްސަރަހައްދެއްގައި ގިނައިން ބޭނުންކުރެވޭ ގޮތްވުމަކީ ފްރި ސުކޫލް ނުވަތަ ކަނޑުގައި އެކަހެރިކޮށް ހިނގާ އައިން (ކަނޑުހިގާ އައިން) އުފެދުން މަދުވާކަމެކެވެ. ކަނޑުހިގާ އައިނުގެ ދައުވަޅުން ހިފޭ މަހުގައި ބޭނުންނުކުރެވޭ ވައްތަރުގެ ބާވަތްތަކާއި އެކުލެވޭ މިންވަރު މަދެވެ. އަދި މިޔަރު، ވެލާ/ކަހަނބު ދަލުގައި ޖެހޭލެއްވެސް މަދެވެ. މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރަން ބާރުއަޅާ އެންޖީއޯތަކުން ބުނަމުން އަންނަނީ އޮޔާދާގޮތަށް ދޫކުރެވޭ ކަނދުފަތި ތަކުގެ ވަށައިގެން ދައުއަޅާ ކަނދުފަތީގައި އަޅާފައި ހުރި ހުރިހާ މަހެއް އެއްފަހަރާ ނޭގޭގޮތްވުމަކީ ތިމާވެއްޓާއި ކަނޑުގެ މާހައުލަށް ބޮޑެތި ގެއްލުން ވަމުން އަންނަ ކަމެއް ކަމުގައެވެ. މިހެންވެ އެފަރާތްތަކުން ބާރުއަޅަމުން ގެންދަނީ އޮޔާދާ ކަނދުފަތި ބޭނުންކޮށް ކުރެވޭ މަސްވެރިކަން މަދުކުރުމަށެވެ.

ޕާރސްސެއިން ބޯޓްތަކުން ދޫކުރާ އޮޔާދާ ކަނދުފަތި ގެއްލި މަސްވެރިކަން ކުރާ ސަރަހައްދުން ބޭރުވެ ރާއްޖޭގެ ސަރަހައްދުން ފެންނަމުން ދާކަމީ ހުރިހާ މަސްވެރިންނަށްވެސް އެނގޭކަމެވެ. އަދި މިކަމުގައި އެންމެ ދެރަވާންޖެހޭ ކަމަކީ މިފަދަ ކަނދުފަތީގައި މަސްޖަމާކުރުމަށް އައްސާފައިވާ ބޮޑެތި ބިޔަ ދައުފަޅިތަކުގަޖެހި މަރުވަމުން އަންނަ ވާވޮށި ވެލާގެ މިންވަރު ގިނަކަމުންނެވެ. ފަހަކަށް އައިސް މަސްވެރިން މިފަދަ ބައިތަކާއި އެއާގުޅުންހުރި ކަނދުފަތި އަދި ދައު ފެންނަމުން ދާކަމަށް ރިޕޯޓު ކުރަމުން އައިސްފައިވެއެވެ.

އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ދިރާސާ ކުރާފަރާތްތަކާއި އަދި މަސްވެރިކަން މެނޭޖްކުރުމަށް ބާރުއަޅާ ފަރާތްތަކަށް މިފަދަ މައުލޫމާތަކީ އެފަރާތްތަކުން ކުރަމުން ގެންދާ ދިރާސާތަކަށް ބޭނުންތެރި މައުލޫމާތަށް ވެގެން ދާނެއެވެ. އަދި ސަރުކާރުންނާއި މިފަދަ ޖަމާއަތް ތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މަސްވެރިންނަށް ކޮށްދެވޭނެ އެންމެ މުހިއްމުކަމަކީ މިފަދަ ބޮއިފެނުމުން އެކަން ރިޕޯރޓް ކުރުމެވެ.

މިފަދަ ބައެއް ކަނޑުތެރެއިން ނުވަތެއް ފަރެއްގެ މަތިންވެސް ފެނިއްޖެނަމަ ރިޕޯރޓް ކުރައްވާނެ މައުލޫމާތަކީ ފެނުނު ތާރީޙް، ފެނުނު ސަހަރައްދު، އަދި އެއްވެސް ދިރުމުގެ ބާވަތެއް ޖެހިފައިވާނަމަ އެތަކެތީގެ ތަފްޞީލު ރިޕޯރޓް ކުރައްވާނީ މެރިން ރިސާރޗް ސެންޓަރަށެވެ.

މަސްދަރު: އަސްދަނޑި، ޑރ މުޙައްމަދު ޝިހާމް އާދަމް، 2015
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!