މަސްވެރިކަމާއި ގުޅޭ

މީގެ 35 އަހަރު ކުރިން މާލެގެ ބަނދަރުމަތީގައި މަސްވެރިން ހަރަކާތްތެރިވާ މަންޒަރު

މިނިވަންކަމާއި މަސްވެރި ސިނާޢަތު

އަޅުގަނޑުމެންނަކީ ދިވެހިންނީމުއެވެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހީން ދިވެހިންގެ ގޮތުގައި އަބަދުވެސް މިނިވަންކަންމަތީ ތިބުމަށެވެ. މިހެން ތިބެވޭނީ އަޅުގަނޑުމެންގެ ކާބަފައިން އިހަށް ދުވަހު ފެށިދަތުރު އިއްޔެ ކަޑައްތުކޮށް މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުގޮތް ބަލާ އެނގި، ދެން ހަދަންވީ ގޮތްވެސް ހަދައިގެންނެވެ.

ދިވެހިންނަކީ މަސައްކަތްތެރި ބައެކެވެ. އަމިއްލަ އުފެއްދުންތަކުން ލިބޭ އާމްދަނީއެއްގެ މައްޗަށް ބަރޯސާވެތިބެގެން ދިރިއުޅުން ހަމަޖެއްސިބައެކެވެ. ދިވެހީން ދިރިއުޅުމަށްޓަކައި ޒަމާނުއްސުރެ ކޮށްއުޅެމުން އަންނަ އެންމެ އިސް މައްސަކަތީ މަސްވެރިކަމެވެ. އިހުޒަމާނުގައި ދިވެހީން މަސްވެރިކަން ކޮށް އުޅެނީ ވަރަށް މިނިވަން ވަޞީލަތްތަކެއް ބޭނުން ކޮށްގެނެވެ. މަސް ދޯނިފަހަރު ބަންނަނީ ހަމަމުޅިންމެ ރާއްޖޭގެ އުފެދޭ ރުއްވަކަރު ގަސްވަކަރާ ކުރެދި ބޭނުންކޮށްގެންނެވެ. އެންމެ އިހުގެ ކާނބަފައިން، މަސްދޯނިފަހަރުގައި ނަގާ އުޅުނީ ފަންރިޔަލެވެ. ފަހަކަށް އައިސް ފޮތިން ކަތިރިޔާ ކަނޑައިގެން ބޭނުންކުރަންފެށިއެވެ. ފަންރިޔަލުގެ ދުވަސްވަރުވެސް އަދި ކަތިރިޔަލަށްވީ ފަހުންވެސް އެންދަމާ އުޅުނީ ދިވެހި އަތްތަކުން ރޮނދި އަޅައިގެން ދިވެހިން ބަންނަ ބުރެކި ދަލުންނެވެ. ބޭނުންކުރީ ދިވެހި ބިމުގައި ހައްދާ އޮނު ދޮއްޓެވެ. ރުވާމިވާއްޔެވެ. ދިވެހި ކަބުރުން އުފެއްދި ބުޅިއެވެ. މައިގަނޑު، މައްސަކަތެއްގެ ގޮތުގައި ދިވެހީން ކުރަމުންއައި މަސްވެރިކަމުން އާމްދަނީ ހޯދީ އެކިދުވަސްވަރު އެކިގޮތަށެވެ. ބާނާ މަސްކޮޅު ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން ބަހާލުމުން އެމީހަކަށް ލިބުނު މަސްކޮޅެއް އެމީހަކު ގެއަށް ގެނެސް އަމިއްލަގޭގައި ކައްކާ ހިއްކައިގެން ވިއްކި ދުވަސްވަރަކީވެސް މަދު ދުވަސްތަކެއް ނޫނެވެ.

ތާރީޚުން އެނގެން އޮތް ގޮތުން 1857 ވަނަ އަހަރު ދިވެހިރާއްޖެއަށް ވޯރާވިޔަފާރިވެރިން އައިސް އެމީހުން ރާއްޖޭގެ ބާޒާރު ކޮންޓްރޯލްކޮށް އެކްސްޕޯރޓް، އިމްޕޯރޓް އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމާ ހަމައަށް ދިވެހީންގެ ހިކި ކަނޑުމަސް ރާއްޖޭން ބޭރަށް ފޮނުވެނީ އަހަރެއްގެ މައްޗަށް އެކީ ދެތިންފަހަރުއެވެ. އެއީ މޫސުމުގައިކުރާ ނާކޮޅުގެ ދަތުރެވެ.

ބައެއްފަހަރު ރާއްޖޭގެ ބަނޑު އޮޑިފަހަރުގައާއި ބޮޑެތި ބައްތެލި ފަހަރުގައި ކަނޑުމަހާއި ކާއްޓާ ކޮފްރާއާ، ބޮއްޔާ، ރޯނުފަދަ މުދާ ބޭރަށް ގެންދިޔުމުގެ ދަތުރުތައް ކޮށްފައިވެއެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކޮށްގެން އުޅުނު ދުވަސްވަރު ދިވެހި މަސްވެރިން ބާނާ މަސް ގަންނަނީ އެބައިމީހުންނެވެ. މިކަމުގައި އެބައިމީހުން ވަރަށް ބޮޑެތި ހީލަތާ މަކަރު ހަދަމުން ގެންދިޔައެވެ. މަސްކިރުމުގައި މަސްކިރާ ކައްޓާއަށް ގޮތްގޮތް ހެދުމާ މަހުގެ އަގު ދައްކުރުމާ، އަގު ދިނުމުގައި ބޮޑެތި އޮޅުވާލުންތަށް އޮޅުވާލުންފަދަ ގެއްލުންތަށް ދިވެހި ރައްޔިތުންނަށް ވޯރާއިންވަނީ ދީފައެވެ. މިކަން ހައްލު ކުރެވޭތޯ އެކިފަހަރު އެކިކަހަލަ ފިޔަވަޅު ދިވެހި ސަރުކާރުން އައީ އަޅުއްވަމުންނެވެ. ނަމަވެސް މައްސަލަ ހައްލުވާގޮތް އޮތީ ނުވެފައެވެ. އެންމެ އެދެވޭ ހައްލެއް ރައްޔިތުންގެ ބޮޑު އިސްޓޯރގެ ނަމުގައި 10 ޑިސެމްބަރ 1942 ދުވަހު އިސްޓޯރެއް ހުޅުވައި ސަރުކާރަށް މަސް ބައްލަވައި ގަންނަވަން ފެއްޓެވުމުންނެވެ.

ސަރުކާރަށް މަސް ބައްލަވައި ގަންނަވަން ފެއްޓެވިނަމަވެސް މަސް ބޭނުން ކުރުމުގެ ދޮރު ވޯރާއިންނަށް ބަންދެއް ނުކުރައްވައެވެ. ބޮޑު އިސްޓޯރުން މަސްގަނެގެން އެމަސް ވޮރާއިން ގެންދިޔައީ އެކްސްޕޯރޓް ކުރަމުންނެވެ. އެމީހުންނަށް މަސްބޭނުން ކުރުމުގެ މަގު ބަންދުވީ މާފަހުންނެވެ. ފަހުން ރާއްޖޭގެ ކުންފުނި ތަކުންނާ ވިޔަފާރިވެރިންވެސް ދިޔައީ އެކްސްޕޯޓް އިމްޕޯޓް ކުރަމުންނެވެ. އެމީހުންނަށް މަސް ބޭރުކުމުގެ މަގު ބަންދުވީމާފަހުންނެވެ. ފަހުން ރާއްޖޭގެ ކުންފުނިތަކުންނާއި ވިޔަފާރިވެރިންވެސް ދިޔައީ އެކްސްޕޯޓް އިމްޕޯޓް ވިޔަފާރި ކުރަމުންނެވެ.

އެ ޒަމާނުގައި ރާއްޖޭގެ ހިކި ކަނޑުމަސް ހިނގާ ހަމައެކނި މާކެޓަކީ ސުރީލަންކާއެވެ. ސިލޯނުގެ އިޤުތިސާދަށްއައި ހީނަރުކަމަކާއެކު ސަރުކާރުގެ ސިޔާސަތަކަށް ގެންނެވި ބަދަލެއްގެ ސަބަބުން 24 ޖުލައި 1978ން ފެށިގެން ރާއްޖޭގެ ހިކިކަނޑުމަސް ލަންކާއަށް ގަތުން ހުއްޓާލިއެވެ. މިދުވަސް އައުމުގެ ކުރިން ދިވެހި ސަރުކާރުން ވަނީ ދިވެހި ކަނޑުމަސް ވިއްކާނެ އެހެންގޮތެއް ހޯއްދަވާފައެވެ. އެއީ ރޯމަސް ވިއްކުމެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަސް ރޯމަހުގެ ގޮތުގައި ވިއްކުމާބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާ ޖަޕާނުގެ މަރުބޭނީ ކޯޕްރޭޝަނާ ދެމެދު ސޮއިކުރީ 06 އޭޕްރީލް 1972 ގައެވެ. މި އެއްބަސްސްވުމުގެ ދަށުން މަރުބޭނީ ކޯޕަރޭޝަންގެ މަސްކިރާ ބޯއްޓުފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ކުރަންފެށިއެވެ. މަސްކިރާބޯޓް ފަހަރުގެ ކަފުގައި މަސްދޯނިފަހަރުގެ ކިޔޫތަށް ދިޔައީ ދެމެދުން ދިގުވަމުންނެވެ. ރަށަށް އައިސް ގޮނޑުދޮށުގައި މަސްބަހައިގެން ގެއަށް ދިއުމުގެ ބަދަލުގައި ގޭގައި ތިބެގެން ފައިސާ ބެހުމުގެ ދުވަސް ދިވެހި މަސްވެރިންނަށް ފެނުނެވެ. މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރި ޑިއުޓީ ހުސްވެ ދިވެހި ދިރިއުޅުމުގެ ވައްޓަފާޅިއަށް މިކަމުގެ ސަބަބުން ބޮޑެތި ބަދަލެއް އައެވެ. ބޯޓު ފަހަރަށް ރޯމަސް ކިރުމުގެ ވިޔަފާރި ހިނގަމުން އަންނިކޮށް ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީއެއް 02 ފެބްރުއަރީ 1978 ގައި ޅ.ފެލިވަރުގައި ހުޅުވައި ދަޅުމައިގެ ވިޔަފާރި ފެށުނެވެ. ފަހުން މި ވިޔަފާރި ޔޫރަޕްގެ މާރކެޓް ތަކަށްވެސް ވަނީ ތަޢާރަފް ކުރެވިފައެވެ.

ދިވެހިން މަސްވެރިކަން ކުރަމުން އައިގޮތަށް އެންމެ ބޮޑު ބަދަލެއް އައީ މަސްދޯނިފަހަރުގައި އިންޖީނު އަޅައި އިންޖީނު ދޯނިފަހަރުގައި މަހަށްދާން ފެށުމުންނެވެ. މަސްދޯންޔެއް އިންޖީނު އަޅައިގެން ފުރަތަމަ ބޭލީ 20 ނޮވެމްބަރ 1974 ގައެވެ. ދޯނިފަހަރުގައި އިންޖީނުއަޅަން ފެށުމާއެކު މަސްވެރިކަމަށް ވަރަށް ހަލުވި ކަމެއް ލިބުނެވެ. މިއާއެކު ބޭރުން ގެންނަ ނައިލޯނު، ދަލާ، ފައިބަރު ދޮއްޓާ ، ޖަޕާން ބުޅި ފަދަ ބޭރުގެ މަސްވެރި އާލާތްތަށް ތައާރަފް ވާންފެށިއެވެ. މަސްދޯނިފަހަރުގައި އިންޖީނުއެޅުމުގެ މަޝްރޫއު ކުރިޔަށްދިޔައީ ވަރަށް ބާރަށެވެ.

މަސްވެރިކަމަށް ބޮޑެތި ބަދަލުތައް އަންނަންފެށީ ރ.އަލިފުށީގައި ބޯޓުޔާޑެއް ހައްދަވައި އެރަށުގައި މަސްދޯނިފަހަރު ބަނުމުގެ ޙާއްސަ މަޝްރޫއުއެއް ފެށި މި މަޝްރޫޢުގެ ދަށުން އުފެއްދި ސެކަނޑް ޖަނެރޭޝަންގެ ދޯނިފަހަރުގެ ސަބަބުންނޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. މި ދޯނިފަހަރު ހިމެނުނީ ރާއްޖޭގެ މަސް ކަނޑަށް ތައާރަފް ކުރެއްވުނު ވަރަށް ކާމިޔާބު ވަރަށް މަގުބޫލު މޮޑެލް އަކަށެވެ. ފަހަކަށް އައިސް ވަރަށް ބޮޑެތި މަސްވެރި އުޅުނދުފަހަރު އެމީހެއް އަމިއްލަ އިހްތިޔާރުން ފެންނަ ގޮތަކަށް އުފައްދަން ފެށިއެވެ. މަސްދޯނި ފަހަރުގައި ކޮމިއުނިކޭޝަން ސިސްޓަމާ، ނެވިގޭޝަންގެ އާލާތްތަކާ، ފިޝް ފައިންޑަރ ފަދަ ޒަމާނީ ވަސީލާތްތަށް ބޭނުން ކުރަން ފެށުނެވެ. މަސްވެރި އުޅަނދު ފަހަރަށް އަންނަންފެށި މި ބަދަލާއެކު ކުރިން ދިވެހިން ގެންގުޅުނު ދިވެހި ވަންތަ ސިފަ ރީތި މަސްދޯނި ފަހަރުގެ މޮޑެލް ދިވެހި މަސް ކަނޑުތަކުން ވަނީ މުޅިންހެން ގެއްލިފައެވެ.

މަސްވެރިކަމަށް މިގެނެވޭ ބޮޑު ބަދަލާއެކު މަސްވެރިންގެ މަގާމުވެސް އައީ ބަދަލުވަމުންނެވެ. މަސްވެެރިންނަށް ގަދަރުކުރުމުގެ ސަގާފަތެއް އުފެއްދުމުގެ ފެށުން ފެށުނެވެ. މަަސްވެރިންގެ ހާއްސަ ދުވަހެއް ބޭއްވުމަށް ނިންމައި 10 ޑިސެމްބަރ 1981 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރިއެވެ. މީގެ ފަހުން ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް މަސްވެރިންގެ ދުވަހުގެ ގޮތުގައި މިއަންނަނީ ފާހަގަކުރަމުންނެވެ. އަދި މަސްވެރިން ކުރިއަރުވާ ތަރައްގީކޮށް މަސްވެރިންނަކީ ގާބިލްބަޔަކަށް ހެދުމަށްޓަކައި މިއަދު ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެެ. އަޅުގަނޑުމެން އެދެނީ ދިވެހި މަސްވެރިކަމަށް އިތުރު ފަހިކަމާ ރޯޝަންކަމެވެ.

މަސްދަރު: އަސްދަނޑި - އުތީމް އާދަމްބެ-

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!