މަސްވެރިކަމާއި ގުޅޭ

ކަނދުފަތި ކައިރީގައި ހަމައެކަނި ކުރެވޭނީ ދޮށީގެ މަސްވެރިކަން

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން ނެރެފައިވާ 'ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު' ގައިވާ ގޮތުން، އޮއިވާލި ކަނދުފައްޗެއްގެ ވަށައިގެންވާ ތިން މޭލު ސަރަހައްދުގައި ހަމައެކަނި ކުރެވޭނީ ދޮށީގެ މަސްވެރިކަމެވެ.

އެހެންކަމުން، އެ ސަރަހައްދުގައި ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުމާއި ވަދު ދެމުން އަދި ވަދު ފެއްތުމުގެ އިތުރުން އެމުގެ ގޮތުގައި ތާވަޅު/ތާވަޅަ ބޭނުން ކުރުން މަނާވާނެއެވެ.

މީގެ އިތުރުން، އެ ގަވާއިދުގައި ވާގޮތުން ކަނދުފަތީގައި ވާ އައްސައިގެން އޭގައި ދޯނިފަހަރު އަޅައިގެން ނުތިބެވޭނެއެވެ.

ހަމައެޔާއެކު، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް ޢަމަލެއް ހިންގުމާއި، ކަނދުފަތީގެ ވަށައިގެންވާ ތިން މޭލުގައި ވައިފުޅި އަޅައިގެން ފީނުމަކީވެސް މަނާކަމެކެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ އެއްވެސް ސަރަހައްދެއްގައި، މަސްވެރިކަން ކުރުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ހަރުކުރެވޭނީ ފިޝަރީޒް މިނިސްޓްރިއަށެވެ. ނުވަތަ މިނިސްޓްރީން ހަވާލުކުރާ ފަރާތަކަށެވެ. ކަނދުފަތިތަކާ ބެހޭ މައުލޫމާތަކީ މިނިސްޓްރީގެ ވެބްސައިޓްގައި ހުންނަން ޖެހޭ، އަދި ބަރާބަރަށް އަޕްޑޭޓް ކުރެވޭ މައުލޫމާތަކަށް ވާންޖެހޭ ކަމަށް ގަވާއިދުގައި ބުނެއެވެ.

ރާއްޖޭގެ އެއްވެސް ހިސާބެއްގއި ހަރުކޮށްފައިވާ އެއްވެސް ކަނދުފައްޗަކަށް ގެއްލުން ދިނުމަކީ، މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. މީގެ ތެރޭގައި ކަނދުފަތީގެ ބައެއް ނެގުން ނުވަތަ ބަދަލެއް ގެނައުން ވެސް ހިމެނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!