މަސްވެރިކަމާއި ގުޅޭ

މ.އަތޮޅު ބޭރުގައި އޮތް އޮއިވާލިން މަސްބާނަނީ /ފޮޓޯ: މަޑަވެލީ މަސްވެރިން
މ.އަތޮޅު ބޭރުގައި އޮތް އޮއިވާލިން މަސްބާނަނީ /ފޮޓޯ: މަޑަވެލީ މަސްވެރިން

މަސްވެރިކަމުގައި އުފެދޭ ކުނި، ޒިންމާދާރު ގޮތެއްގައި ނައްތާލަން ޖެހޭ

ކޮންމެ ތަނެއްގައިވެސް، އެތަނެއްގެ ރީތިކަމާއި ސާފުތާހިރުކަމަށް މަސައްކަތް ކުރާނީ އެތަނެއްގައި އުޅޭ ބައެކެވެ. އެގޮތުން، ދިވެހި ރާއްޖޭގައި ވެސް، ތިމާވެށީގެ ސަލާމަތަށްޓަކައި އަދި ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް ހުރިހާ ދާއިރާއެއްގެ މީހުން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.

މި އުސޫލުން، މަސްވެރިކަމުގައި އުފެދޭ ކުނި، ޒިންމާދާރު ގޮތެއްގައި ނައްތާލުމަކީ މަސްވެރިންގެ ޒިންމާއެކެވެ. 2020 ވަނަ އަހަރު ނެރުނު 'ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު'ގެ ދަށުން މަސްވެރިކަން ކުރުމުގެ އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުުތައް ނުވަތަ 'ބެސްޓް ޕްރެކްޓިސް' އަށް އަމަލު ކުރަން ޖެހެއެވެ.

ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެތީގެ މުއްސަނދިކަމާއި ޤުދުރަތީ ވަސީލަތްތަކުގެ ރީތިކަން މިހާރުގެ ޖީލާއި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރާ މީހުންވެސް ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ބަޔާން ކޮށްފައި އެބަހުއްޓެވެ.

އެ ބާބުގެ ދަށުން، ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްވެސް ކަމެއް ނުކުރަން ވަނީ އަންގާފައެވެ. އަދި މަސްވެރިކަމުގައި ބޭނުންކުރާ ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ބޭކާރު ވިޔަ ނުދިނުމަކީ މަސްވެރިން އިސްކަންދޭން ޖެހެއެވެ.

އޭގެ އިތުރުން، މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ފިޔަވައި، ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ ބާވަތްތަކުގެ މިންވަރު މަދު ކުރުމަށްޓަކައި މަސްވެރިން މަސައްކަތް ކުރަން ޖެހެއެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުން ކަނޑަށް ދޫކުރެވޭ އެއްވެސް އާލާތެއް ބޭނުން ކުރާނަމަ، މަސްވެރިކަމުގެ އެ ހަރަކާތް ނިމުމުން އެ އާލާތް ކަނޑުން ނަގަން ވާނެ ކަމަށާއި އެފަދަ އެއްވެސް އާލާތެއް ގަސްދުގައި ކަނޑަށް ދޫކޮށް ދިއުމަކީ މަނާކަމެއް ކަމަށް ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!