މަސްވެރިކަމާއި ގުޅޭ

Masvaaru

މަސްދޯނި އޮންނަ ތާކަށް އެންސިސްއިން ގޮސް މަސް ކިރާތީ މަސްވެރިންގެ ޝުކުރު

އެހެން ދާއިރާ ތަކެކޭވެސް އެއްފަދައިން މަސްވެރިންނަށްވެސް ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މަސްވެރިންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކުގެ ތެރޭގައި، ގިނައިން ބާނައިގެން ދިޔަ ނަމަވެސް މަސް ކިރާ އަގު ދަށްކޮށް ހުރުމާއި، މަސް ބާނައިގެން، އެ މަސް ކިރުމަށްޓަކައި ވަރަށް ދުރަށް ދުއްވަން ޖެހުން ހިމެނެއެވެ.

މަސް ކިރަން ދުރަށް ދުއްވަން ޖެހުމުގެ ސަބަބުން ތެލުގެ ހަރަދު ބޮޑުވެ، ލިބޭ އާމްދަނީ އިން ހަރަދަށް ކަނޑަންޖެހޭ ބައި ބޮޑުވެއެވެ.

މަސްވެރިކަމަކީ މޫސުމީ ކަމަކަށް ވާއިރު، ބައެއް ދުވަސްވަރު ވަރަށް ރަނގަޅަށް މަސްވެރިކަން ކުރެވުނު ނަމަވެސް އަނެއްބައި ދުވަސްވަރު މަސްވެރިކަން ދަށެވެ. މަސްވެރިންގެ އަތަށް ލިބޭ އާމްދަނީ އަކީ، ދޯންޏަށް ލިބޭ ފައިސާއިން ހަރަދުތަކަށް ކެނޑުމަށްފަހު ބާކީވާ ރުފިޔާ ބަހައިގެން ލިބޭ އެއްޗެކެވެ. އެހެންކަމަށް ވުމާއެކު ކުރަންޖެހޭ ހަރަދުތައް ބޮޑުވުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެއެވެ.

އެންސިސް އިން މި ކަންބޮޑުވުން ތަކަށް މިވަނީ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެސްދީފައެވެ. އެއީ މަސްވެރިން ތިބޭ ތަނަކަށް ގޮސް، ބޮޑު އަގުގައި މަސް ގަތުމެވެ. މަސް ދޯނި ފަހަރު އޮންނަ ހިސާބަކަށް ދިއުމަކީވެސް އަދި އަގު ބޮޑުކޮށް މަސް ގަތުމަކީވެސް މަސްވެރިން ނުހަނު ބޭނުންވާނެ ކަމެކެވެ.

އެކަން ފާހަގަކޮށ، ދ.ހުޅުދެލީ ނަސްރު ދޯނީގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނީ، އެކަަމަށްޓަކައި އެންސިސް އަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މަސް ދޯނިފަހަރު ގުޅާލީމަ ދޯނި އޮންނަ ތަނަކަށް އައިއްސަ މަސްކޮޅު އަގު ބޮޑުކޮށް ގަނެލާ. މަސްވެރިން ބާނާ މަސްކޮޅު ގަންނަން ތި ކުރާ ބުރަ މަސައްކަތުގައި ބަރަކާތް ލައްވާށި" ނަސްރު ދޯނީގެ ފަރާތުން ލިޔުނު ޝުކުރުގެ ޕޯސްޓުގައިވެއެވެ.

ނަސްރު ދޯނީގެ ފަރާތުންވެސް ފާހަގަ ކުރި ގޮތުގައި، މިކަމުގެ ސަބަބުން ތެޔޮ ގަތުމަށް މަސްވެރިން ކުރަންޖެހޭ ހަރަދު، ވަރަށް ބޮޑަށް ކުޑަވާނެއެވެ. މިއީ ހަމަގައިމުވެސް މަސްވެރިންނަށް ހިނިތުންވުން ގެނުވާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!