މަސްވެރިކަމާއި ގުޅޭ

Landaa 2

ހުއިފިލަނޑާ ޕްރޮސެސްކުރުން

ހުއިފިލަނޑާ ނެގުމަށްފަހު، ބައެއް ފަރާތްތަކުން ދަތުރު ނިންމާފައި އެއްގަމަށް ދާ މަގުމަތީގައި ހުއިފިލަނޑާ ސާފު ކުރުމުގެ މަސައްކަތް ފަށައެވެ. އަނެއްބައި މަސްވެރިން އެ މަސައްކަތް ކުރަނީ ރަށަށް ދިއުމަށްފަހުގައެވެ.

ޕްރޮސެސް ކުރުމަށްޓަކައި، ފުރަތަމަ ހުއިފިލަނޑާ ސާފު ކުރާނީއެވެ. އެއަށްފަހު 30 މިނިޓްވަންދެން ފެނުކައްކާނީއެވެ. އެއަށްފަހު 12 ގަޑިއިރާއި 18 ގަޑިއިރާ ދެމެދު ވެލީގައި ވަޅުލާފައި ބާއްވާނީއެވެ.

އޭގެ ފަހުން، ހުއިފިލަނޑާގެ ގޮހޮރާއި އެހެނިހެން ބައިތައް ނެގުމަށްޓަކައި، އޭގެ ތިރިން ތަންކޮޅެއް ކަފައިލާނީއެވެ. އަދި އެބައި ސާފުކުރާނީއެވެ. އަނެއްކާވެސް ފެނުކައްކާނީއެވެ. މިފަހަރުވެސް 30 މިނިޓް ވަންދެނެވެ.

މި މަސައްކަތް ކުރާ މީހުން ކިޔައިދޭ ގޮތުގައި، ހުއިފިލަނޑާ ޕްރޮސެސް ކުރުމުގައި، މިހާރު ކުރާ ކަމަކީ، ހުއިފިލަނޑާ ކެއްކުމަށްފަހު ސީރާ ކުރާނީއެވެ. އެއީ ޕްރޮސެސް އަވަސް ކުރުމަށެވެ.

ތެއްޔަކަށް ލަނޑާ އަޅާފައި: ފޮޓޯ- ރ މަޑުއްވަރީ މަސްވެރިން

އެއަށްފަހު، އޭގައިވާ ލޮނުތައް ބޭރު ކުރުމަށްޓަލައި ދެވަނަ ފަހަރަށް ކައްކާނީއެވެ. ކައްކާ ނިންމުމަށްފަހު އަވީގައި ބަހައްޓައިގެން ހިއްކާނީއެވެ. އަދި އޭގެ ފަހުން، ހުއިފިލަނޑާގެ އަސްލު ސިފައަށް ރުޖޫއަ ކުރުމަށްޓަކައި ތިންވަނަ ފަހަރަށް ކައްކާނީއެވެ.

މިގޮތަށް ކައްކާ ހިއްކައި ނިމޭއިރު ހުއިފިލަނޑާގެ އަސްލު ބަރުދަނާ އަޅައި ބަލާއިރު، އެތައް ތަނެއް ލުއިވާނެއެވެ.

އާއްމުގޮތެއްގައި ރަށްރަށުގައި ހިއްކާ ޕްރޮސެސް ކޮށްފައިވާ ހުއިފިލަނޑާ ގެންދަނީ މާލެއަށެވެ. ނުވަތަ އެކްސްޕޯޓް މާކެޓަށް ވިއްކާ މެދުވެރިއަކަށް ވިއްކާލާނީއެވެ. އެފަދައިން އެކްސްޕޯޓް ކުރާ ބައެއް މީހުންގެ މަންދޫބުން ރަށްރަށުގައިވެސް އުޅެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު 19 މީހަކު ވަނީ ހުއިފިލަނޑާ ރާއްޖޭން ބޭރަށް އެކްސްޕޯޓް ކޮށްފައެވެ.

ކަސްޓަމްސްގެ ރިކޯޑުތަކުން ދައްކާގޮތުގައި، އެންމެ ގިނައިން ހުއިފިލަނޑާ އެކްސްޕޯޓް ކޮށްފައިވަނީ 1990 ވަނަ އަހަރުއެވެ. އެއީ 31.5 މިލިއަން ރުފިޔާގެ އަދަދަށްވާ 745 ޓަނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!