މަސްވެރިކަމާއި ގުޅޭ

Muzaaharaa

ބާނާ މަސްކޮޅު ނުކިރޭތީ ދެކުނުގެ މަސްވެރިން މުޒާހަރާއަށް ނުކުންނަނީ!

ދެކުނަށް މަސްވެރިކަން ރަގަޅުވެ ބާނާ މަސްތައް ނުކިރޭތީ ދެކުނުގެ މަސްވެރިން މުޒާހަރާކޮށް އަޑުއުފުލުމަށް ނިންމައިފިއެވެ.

ލ. އަތޮޅު ހިމެނޭހެން ދެކުނުގެ 5 އަތޮޅުގެ މަސްވެރިން ހިމެނޭ ބޮޑު އެއްވުން އިންތިޒާމް ކުރުމަށް އިސްވެ ހަރަކާތްތެރިވާ ފަރެސް މާތޮޑާގެ ކެޔޮޅަކު މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން ބުނީ ބާނާ މަސްކޮޅު ނުކިރިގެން މަސްވެރިން އުޅެންޖެހޭ ހާލު ސަރުކާރަށް ނޭގޭ ކަމަށެވެ. ކޮންމެ އަހަރަކުވެސް މަސްވެރިކަން ރަގަޅު ދުވަސްވަރުގައި މިފްކޯގެ ކެޕޭސިޓީ ނެތް ކަމަށް ބުނެ މަސްގަތުން ކޮންޓްރޯލް ކުރުމުގެ ސަބަބުން، ބޮޑެތި އޮޑިފަހަރުން މިކުރާ މަސްވެރިކަމުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި މަސްވެރިކަން ތަރައްގީ ކުރުމުގެ ނަމުގައި އެކި ވައުދުތައްވެ، ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންގެ ހަނދާން ނުހުންނަ ކަމަށްވެސް ކެޔޮޅު ބުންޏެވެ.

"ކޮންމެ ސަރުކާރަކުންވެސް މަސްވެރިކަން ކުރިއަރުވާނަމޭ ކިޔާފަ މި އަންނަނީ. ވެރިކަމަށް އާދެވުމުން މަސްވެރިންގެ ހަނދާނެއް ނުހުރޭ. މަސްވެރިކަން ރަގަޅު ވާއިރަށް މަސްކިރުން ކޮންޓްރޯލް ކޮށްލާނެ. އެތަށް މޭލަކަށް ދުއްވައިގެން ބޮޑު ޚަރަދު ކޮށްގެން ބާނާ މަސްކޮޅުން ދުވާލަކު 5 ޓަނު ކިރީމަ ރެޔާ ދުވާލު މިކުރެވެނީ ބޭކާރު މަސައްކަތް" ކެޔޮޅު ބުންޏެވެ.

މިވަގުތުވެސް ކޫއްޑޫ ފަޅުތެރޭގައި މަސްކިރުމަށް ކިއު ހަދައިގެން ތިބި ބައެއް ދޯނިތަކުން ނުރުހުން ފާޅުކުރަމުންދާކަން ފާހަނގަ ކުރަމުން ކެޔޮޅު ބުނީ އަންނަ ހުކުރު ދުވަހު 5 އަތޮޅުގެ މަސްވެރިން ކޫއްޑޫއަށް ޖަމާވެ، ސަރުކާރަށާއި މިފްކޯއަށް އަޑު އިވެންދެން މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. މަސްވެރިކަން ރަގަޅުވެ މަސްނުކިރޭ ކޮންމެ ފަހަރަކު މިފްކޯ ތަރައްގީ ކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ބުނާކަމަށާއި 2019 ވަނަ އަހަރުން ފެށިގެން އެ އަޑު އިވިއިވި މަސްވެރިން މިހާރު ފޫހިވެއްޖެކަމަށް ކެޔޮޅު ބުންޏެވެ.

އެހެންކަމުން ހުރުކުރު ދުވަހު ކޫއްޑޫގައި ބާއްވާ އެއްވުމަކީ ދެކުނުގެ ހުރިހާ މަސްވެރިންވެސް ބައިވެރިވެ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިކަމާއި އައިސް ނުލިބުގެ ދަތިކަމަށް ސަރުކާރުން ސައްހަ އެދެވޭ ޖަވާބެއް ލިބެންދެން ކުރިއަށް ގެންދަން ރާވަމުންދާ މުޒާހަރާއެއްކަން ކެޔޮޅު ފާހަގަ ކުރިއެވެ. އަދި މި މުޒާހަރާގައި ރާއްޖޭގެ ހުރިހާ މަސްވެރިން ބައިވެރިވުމަށް އެއްވުން އިތިޒާމްކުރާ މަސްވެރިންގެ ފަރާތުން އެދޭކަމަށްވެސް އޭނާ ބުންޏެވެ.

"މުޒާހަރާއަކަށް ނުކުންނަން މި ހަފްތާގައި މަޝްވަރާތައް މި ފެށުނީ. މިރެޔާ ހަމައަށް ލ. ގއ. ގދ. ޏ އަދި ސ އަތޮޅުގެ މަސްވެރިންގެ ތެރެއިން ގިނަ ބަޔަކަށް ގުޅިއްޖެ. އިރާދަ ކުރެއްވިއްޔާ މި އަންނަ ހުކުރު ދުވަހު މި ސަރަހައްދުގެ ހުރިހާ ދޮށީގެ މަސްވެރިން ކޫއްޑުއަށް ޖަމާވެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކުގެ އަޑު ސަރުކާރަށް އިއްވާނެ. ޖަވާބު ހޯދާނެ. މަސްވެރިކަން ތަރައްގީ ކުރަން ކިޔާތާ ކިތައް އަހަރު؟. އެއްކަމެއްވެސް ނުކުރޭ. ދައްކަނީ ހުސްވާހަކަ" ފަރެސްމާތޮޑާ ކެޔޮޅު ބުންޏެވެ.

މިދިޔަ ހަފްތާގައި މަސްވެރިކަން ރަގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ.

ނިމިގެން ދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުވެސް މިފްކޯއިންވަނީ މަސްގަތުން 5 ޓަނަށް ކޮންޓްރޯލް ކޮށްފައެވެ.

މަސްކިރުމަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން މިފްކޯއިން ބޭރުން ބޯޓެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!