މަސްވެރިކަމާއި ގުޅޭ

Kooddoo 2

ކޫއްޑޫއަށް ގޮސް އޮތް ހުރިހާ ދޯންޏަކުން މަސްކިރަން ސަރުކާރުން ނިންމައިފި

ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ މަސް ކިރަން ސަރުކާރުން ނިންމައިފިއެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ކޫއްޑޫއަށް މަސް ކިރުން ވަނީ ލިމިޓު ކޮށްފައެވެ. މަސްވެރިކަން ރަނގަޅު ވުމާ ގުޅިގެން މަސް ކިރަން ގިނަ އަދަދެއްގެ ދޯނިފަހަރު ވަނީ ކޫއްޑޫ އަށް ގޮސްފައެވެ.

ނަމަވެސް މަސް ކިރުން ލިމިޓް ކުރުމާއެކު މަސްވެރިން ވަނީ އިހުތިޖާޖަށް ނުކުމެފައެވެ. މަސްވެރިންގެ މަޝްވަރާގެ މަތިން، މަސްކިރުމުގެ ލިމިޓް އުވާލުމުން ވެސް މަސްކިރޭ ގޮތެއް ނުވިއެވެ. އެހެންކަމުން އިއްޔެ ވަނީ މަސް ކިރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދާފައިވާ ކަމަށާއި ރޭ އަލުން މަސް ކިރަން ފަށާފައިވާ ކަމަށެވެ.

މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ މަސް ކިރޭނެ ގޮތް ހަދާފައި ކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.

"މަސްވެރިންނަށް ކިއު އޯޑަރު ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި،" ބަޔާނުގައިވެއެވެ.

އެ ޕްލޭންގެ ދަށުން، މަސް ކިރޭނެ ތަރުތީބާއި ދުވަސް، އެ މަސްވެރިންނަށް އަންގާފައި ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަސްކިރުމާ ގުޅޭގޮތުން އިއްޔެ ކޫއްޑޫގައި އިހުތިޖާޖުކޮށް ހަމަނުޖެހުންތައް ހިންގުމުން، އެރަށުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވިއެވެ. އަދި، ވީހާވެސް އަވަހަކަށް އަލުން މަސް ކިރަން ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޓަކައި މަޝްވަރާތައް ބޭއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!