މަސްވެރިކަމާއި ގުޅޭ

Yellowfin 4

ޔޫރަޕްގެ ޤައުމުތަކުން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޓެރިފް އުވާލާނެކަމުގެ ސިގުނަލެއް

ރާއްޖެއިން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފަތް ބަލައިގަނެ، ޔޫރަޕްގެ ޤައުމުތަކުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް ދާދި އަވަހަށް އުވާލާނެކަމަށް އުއްމީދުކުރައްވާކަމަށް ދިވެހި ރާއްވޭޖެ ފޮރިން  މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫރަޕް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖެއްގައެވެ.

މީގެ އިތުރުން، ޔޫރަޕްގެ އިއްތިޙާދާއިއެކު އޮންނަ ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދިވެހިންނަށް، ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތިގައި، ނައިބު ރައީސް ފައިސަލް ނަސީމްއާއި ޔޫރަޕްގެ އިއްތިޙާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޝާހިދު ވަނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހިންނަށް އެޤައުމުތަކަށް ދިޔުމަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައިވާތީ ޖަރުމަންވިލާތާއި، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާ އާއި އިޓަލީވިލާތުގެ ސަރުކާރުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ގެ ހާލަތުގައި ޔޫރަޕްގެ އިއްތިޙާދުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ސިއްހީ ދާއިރާއަށް 1 މިލިއަން ޔޫރޯ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ޔޫރަޕިއަން ޔޫނިއަން އިން ދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއެކު، ފުރަތަމަ ފަހަރަށް އީ.ޔޫގެ 7 އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ދިވެހިރާއްޖެއަށް ވަކިން ޚާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދާދިފަހުން ދިންކަން ފާހަގަކުރައްވައި، އެކަމަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޔޫރަޕަށް އެތެރެކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުގެ އުފެއްދުންތަކުން %22 ޑިއުޓީ ނަގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!