މަސްވެރިކަމާއި ގުޅޭ

އޮޔާދާ ފޯނީ-- ފޮޓޯ: އެމްއެންޑީއެފް
އޮޔާދާ ފޯނީ-- ފޮޓޯ: އެމްއެންޑީއެފް

ދޯންޏެއްގެ ބައެއް އޮޔާދަނީ، ދަތުރުކުރާއިރު ސަމާލުވޭ!

ދޯންޏެއްގެ ބައެއް ކަނޑަށް ދޫވެ އޮޔާ ދާތީ ސަމާލު ވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ދޯންޏެއްގެ ބައެއް އޮޔާދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު 2:24 ހާއިރު ކަމަށެވެ.

އެ ދޯނި އޮޔާ ދަނީ މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ލަކުޑި ދޯންޏެއްގެ ބައެއް އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ހާއްސަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖެއަށް މި ދުވަސްވަރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ފެށިފައި ވަނީ މި މަހުގެ އަށްވަނަ ދުވަހުގަ އެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މިރޭ 8:00ގެ ނިޔަލަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މި ފަދަ ވިއްސާރަ ދުވަސްވަރެއްގައި ވައިގަދަވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިސްތިމާސް ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!