މަސްވެރިކަމާއި ގުޅޭ

Protected areas

ނިސްބަތުން މުހިންމު ސަރަހައްދުތަކެއް ހިމާޔަތް ކުރެވިފައިވާ ގައުމަކަށް ރާއްޖެ ވާނެ: މިނިސްޓްރީ

ރާއްޖެއަކީ މިހާރުވެސް ނިސްބަތުން މުހިންމު ސަރަހައްދުތަކެއް ހިމާޔަތް ކުރެވިފައިވާ ގައުމަކަށް ވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.

ދުނިޔޭގައި ފާހަގަ ކުރާ ކަނޑުތަކުގެ ދުވަހާ ގުޅިގެން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރަނީ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ބެލެހެއްޓުން ކަމަށާއި އަދި މަސްވެރިކަން މެނޭޖް ކުރުމުގެ ބޭނުމުގައި، މުހިންމު ސަރަހައްދުތައް ހިމާޔަތް ކޮށް ބެހެލެއްޓުން ހިމެނޭ ކަމަށެވެ.

އެ ވިސްނުމުގައި، މިހާރުވެސް ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ފަސް ސަރަހައްދެއް އޮންނާނެ ކަމަށާއި، އެއީ ފާ ފޮއެމައްޗަށް ބިސް ދޫކުރަން ޖަމާވާ ފަސް ސަރަހައްދު ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ގިނަ ތަންތަން، ހިމާޔަތް ކުރެވިފައި ހުންނާނީ ތިމާވެށި ހިމާޔަތް ކޮށް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން، އެންވައިރަމެންޓް މިނިސްޓްރީގެ ފަރާތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މި ހުންނަނީ މަސްވެރިކަން ބެލެހެއްޓުމުގެ ނަޒަރިއްޔާތަކުން. އެހެން ނަމަވެސް ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ރައްކާތެރިކޮށް، ގިނަ ދުވަހަށް ދެމެހެއްޓޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް އެންވައިރަމެންޓް މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކޮށް ބަލަހައްޓާ، ރައްކަތެރި ކުރުމުގެ މަސައްކަތް ކުރޭ" ޒިޔާދު ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގައި ހުރި ފަރުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހައި ބަޔޯޑައިވަސިޓީ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ތަންތަނުގެ 13 ޕަސެންޓް މިހާރުވެސް ވަނީ ހިމާޔަތް ކުރެވިފައި ކަމަށް ޒިޔާދު ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ތަންތަން ވާނީ ރިސޯޓްތަކުގެ ބައުންޑްރީތަކުގެ ތެރޭގައި ހިމެނި، ހިމާޔަތާއި ރައްކާތެރިކަން ލިބިފައި ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!