މަސްވެރިކަމާއި ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޡިމް -- ފޮޓީޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޡިމް -- ފޮޓީޯ/ މަޖިލިސް

މަހުގެ ހަމަ އަގު ލިބޭނީ ސަރުކާރުން، ވިޔަފާރީގެ ތެރެއަށް ނުވަދެ ދޫކޮށްލި ވަރަކަށް: މެމްބަރު އާޒިމް

މަހުގެ ހަމަ އަގު ލިބޭނީ ސަރުކާރުން، ވިޔަފާރީގެ ތެރެއަށް ނުވަދެ ދޫކޮށްލި ވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ، 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.

"އަޅުގަނޑަށް ޔަގީން، ވަޒީރުވެސް ގަބޫލު ކުރައްވާނެ ގޮތުގައި، މަހުގެ ހަމަ އަގު ލިބޭނީ ސަރުކާރުން، ދައުލަތުން، ވިޔަފާރީގެ ތެރެއަށް ނުވަދެ އެ ދޫކޮށްލި ވަރަކަށް. އެއްވެސް ވަރެއްގެ ވިސްނުމެއް އެބަ އޮތްތޯ ވަޒީރުގެ، ނޫނީ ވަޒީރު ލަފާފުޅެއް ދެއްވިންތޯ ރައީސުލް ޖުމްހޫރިއްޔާއަށް، މަހުގެ ވިޔަފާރީގެ ތެރެއަށް ދައުލަތުން ނޫނީ ސަރުކާރުން ނުވަނުމަށް،" ސުވާލު ކުރައްވަމުން އާޒިމް ވިދާޅުވިއެވެ.

ޖަވާބެއްގެ ގޮތުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އެކަމާ ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ވަކި ލަފައެއް އަރުވާފައި ނުވާނެ ކަމަށެވެ.

މިނިސްޓަރުގެ އެ ޖަވާބަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، އެފަދަ ލަފާ އެރުވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ.

"އިއްޒަތްތެރި ވަޒީރު، އަޅުގަނޑު ދަންނަވަނަށް އެބަ ޖެހޭ، މިތަނުން ފާސްކޮށްފަވާ، ހާއްސަކޮށް މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މަނިކުފާނު ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުން. ހާއްސަކޮށް މިތަނުގެ އިއްޒަތްތެރި މެމްބަރުން މިތަނަށް ވަޑައިގެން މި ތިއްބަވާ މެނިފެސްޓޯ ތަކުގައިވާ ސިޔާސަތުތުތަކާ ގުޅޭގޮތުން،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ މަޖިލީހުގެ ތަޅުމުގައި، މަޖިލީހުގެ އެކި މެމްބަރުން ވަނީ މަސްވެރިކަމާ ގުޅުންހުރި އެކިއެކި ސުވާލު މިނިސްޓަރާ ކުރިމަތި ކުރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!