މަސްވެރިކަމާއި ގުޅޭ

ހައްމާދަށް ހަމަލަދިން މައްސަލައިގައި ހުކުމް ރައްދުވާ އާސިފް -- ފޮޓޯ/ ވަން އޮންލައިން
ހައްމާދަށް ހަމަލަދިން މައްސަލައިގައި ހުކުމް ރައްދުވާ އާސިފް -- ފޮޓޯ/ ވަން އޮންލައިން

ލަނޑާ މަސްވެރިކަމުގައި ހަރަކާތްތެރިވި ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާ ދިނުމުން 10 އަހަރުގެ ޖަލު ހުކުމެއް

ލަނޑާ މަސްވެރިކަމުގައި ހަރަކާތްތެރިވި ދޯންޏެއްގެ ތެރޭގައި، މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި، ހަމަލަދިން މީހާ 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުގެ ރޭ އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މައްސަލައިގައި، ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ، އިސްމާއިލް އާސިފްއެވެ.

ދައުލަތުން އާސިފްގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ، ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އއ. މާޅޮހު ބޭރުގައި އޮތް ޖަރީ ދޯނީގެ ތެރޭގައި މި ހާދިސާ ހިނގާފައި ވަނީ، ދީނީ ގޮތުން އުފެދުނު ދެބަސްވުމެއްގައި ކަމަށް ހައްމާދު ބުނެފައިވެއެވެ. ހައްމާދު ބުނީ، އާސިފް އޭނާއަށް ހަމަލަ ދިނުމަށްފަހު އޭނާ މޫދަށް އެއްލައިލީ ކަމަށެވެ. އަދި ވަޅިވެސް  މޫދަށް އެއްލައިލީ ކަމަށެވެ.

ހަމަލާއަށްފަހު ހައްމާދު ފަތާފައި ގޮސް ކައިރީގައި އޮތް މާޅޮހަށް އެރީއެވެ.

ނަމަވެސް ޝަރީއަތުގައި އާސިފް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ހައްމާދު މޫދަށް ފުންމާލީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އަމިއްލަ ދިފާއުގައި މާރާމާރީއެއް ހިންގިކަމަށް ބުނެފައިވެއެވެ.

ހައްމާދުގެ އެއް ކޮލަށާއި އެއް ކަންފަތަށް އަދި އެއް އަތުގެ އަތްތިލައަށާއި އިނގިލިތަކަށާއި، ތުންފަތުގެ އިތުރުން ބުރަކައްޓަށް ވެސް ވަނީ ވަޅިން ހަމަލާދީފައެވެ. އަދި އޭނާގެ ބޯވެސް ޖަޚަމްވެފައިވެއެވެ.

One Photos - DH4FNJeIYDWmpp1dvtWVUhU6h.jpeg

އަނިޔާ ލިބިފައިވާ ހައްމާދު--- ފޮޓޯ: އެމްއެންޑީއެފް

ހައްމާދަށް ހަމަލާ ދިނުމަށް އާސިފް ބޭނުންކުރި ވަޅި، ފުލުހުން ވަނީ ކަނޑުގެ އަޑިން ހޯދާފައެވެ. ވަޅި އޮތީ ދޯނި އޮތް ސަރަހައްދުގެ ކަނޑުއަޑީގައެވެ. އަދި އެ ދޯނީގައި ހުރި ލެއާއި ހައްމާދުގެ ޑީއެންއޭ ދިމާވެފައިވާއިރު އާސިފްގެ އަތްތިލައިން ނެގި ސްވަބްއިން ހައްމާދުގެ ޑީއެންއޭ ފެނިފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިޔައިރު އާސިފް ވަނީ ދެ އަހަރާއި އަށް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ. އޭނާއަށް އިއްވި ޖަލު ހުކުމުން އެ މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަސް ދުވަހުގެ ޖަލު އަދަބެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!