މަސްވެރިކަމާއި ގުޅޭ

ތ. ވަންދޫ އޮއިކުރި ދޯނި، ފޮޓޯ/ ވަންދޫ މަސްވެރިން
ތ. ވަންދޫ އޮއިކުރި ދޯނި، ފޮޓޯ/ ވަންދޫ މަސްވެރިން

މަސްވެރި މޫސުން ފެށިއްޖެ، ތ އަތޮޅުން ރިކޯޑު އަދަދަކާއެކު އޮއިކުރި ދޯނި އިއްޔެ 31 ޓަނު މަސް ބޭނި

ރާއްޖޭގެ މަސްވެރިކަމުގެ މޫސުން ފެށި، ތ. ވަންދޫ އޮއިކުރި ދޯނި އިއްޔެ 31 ޓަނުގެ މަސް ބާނައިފިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ކުރާ އޮއިކުރި ދޯނީގެ ކެޔޮޅު މިނޫހާ ވާހަކަ ދައްކަމުން ބުނީ، އިއްޔެ 31 ޓަނު މަސް ބޭނުނު ކަމަށާއި، އޭގެ ކުރީ ދުވަހު ބޭނި މަސްކޮޅަކާއެކު، ޖުމުލަ 34 ޓަނު މަސް ކިރާފައިވާ ކަމަށެވެ.

މިއީ މިހާތަނަށް އޮއިކުރި ދޯންޏަށް އެންމެ ގިނަ އަދަދަކަށް މަސް ބޭނުނު ދުވަހެވެ. އަދި ތ އަތޮޅުގައިވެސް މިއީ ރެކޯޑެއް ކަމަށް ކެޔޮޅު ބުންޏެވެ. މީގެ ކުރިން އޮއިކުރި ދޯނި އެންމެ ގިނަ މަސް ބާނާފައި ވަނީ މިިދިޔަ އަހަރުއެވެ. އެއީ 24 ޓަނުމަހެވެ.

އޮއިކުރި ދޯނީގައި 23 މީހުން މަސައްކަތްކުރެއެވެ. ރިކޯޑު އަދަދަކަށް ބޭނުނު މަސްކޮޅު ކިރުމަށްފަހު އައިސް އަޅައިގެން ދޯނި މިހާރު މިސްރާބު ޖަހާފައި ވަނީ ދ އަތޮޅާ ދިމާއަށެވެ.

"މިއަދު ހަބަރު ލިބުނު ލ އަތޮޅު ދޯންޏެއްވެސް 35 ޓަނު ބޭނި ހަބަރު. އަނެއްހެން އާއްމުކޮށް 20، 25، 15 އެގޮތަށް އެބަ ހަބަރު ލިބޭ މިއަދު ބޭނި މީހުންވެސް،" މިދުވަސްވަރު މަސްވެރިކަން ރަނގަޅުކަން ފާހަގަކޮށް ކެޔޮޅު ބުންޏެވެ.

ކެޔޮޅު ބުނީ، މަސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އުނދަގުލަކީ އައިސް ހޯދުމާއި މަސް ކިރުން ކަމަށެވެ. މ، ލ، ތ އަތޮޅުންވެސް އައިސް ނުލިބޭކަމަށް ކެޔޮޅު ބުންޏެވެ. މިއަދު މަސްބޭނި ބައެއް ދޯނިފަހަރުވެސް އައިސް ނުލިބިގެން އުޅުނު ކަމަށް ކެޔޮޅު ބުންޏެވެ. ގިނަ ދޯނިފަހަރުގައި މަސް ޕްލާންޓް ނުހުންނަކަން ފާހަގަކޮށް ކެޔޮޅު ބުނީ، އެ ސަބަބާހުރެ، އައިސް ނުލިބޭ ނަމަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!