މަސްވެރިކަމާއި ގުޅޭ

Meedhoo Iceplant

5 ހިސާބެއްގައި ތަރައްގީކުރާ އައިސްޕްލާންޓްތަކުގެ މަސައްކަތް އަންނަ މަހު ފެށޭތޯ ބަލަނީ

ރާއްޖޭގެ ފަސް ހިސާބެއްގައި ތަރައްގީކުރާ އައިސްޕްލާންޓްތަކުގެ މަސައްކަތް އަންނަ މަހު ފެށޭތޯ ބަލަމުންދާކަމަށް ފިޝަރީޒް މިނިސްޓްރިން ބުނެފިއެވެ.

ސަޢުދީ ފަންޑުގެ އެހީގައި ތަރައްޤީކުރާ މި އައިސްޕްލާންޓްތައް އެޅުމަށް ހަމަޖެހިފައި ވަނީ، ހއ.ދިއްދޫ
އއ.ރަސްދޫ، ދ.މީދޫ، ލ.މާމެންދޫ އަދި ގދ.ރަތަފަންދޫގައެވެ. މީން ކޮންމެ ރަށެއްގައިވެސް ތަރައްގީ ކުރާނީ 25 ޓަނުގެ އައިސްޕްލާންޓެވެ.

މި ފަސް އައިސްޕްލާންޓު ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް، ދެ ފަހަރެއްގެ މަތިން އިޢުލާނު ކުރި ނަމަވެސް، އެކަމަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން، މިހާރު މިނިސްޓްރީން ހޮވާލި ބަޔަކާއެކު މަޝްވަރާކޮށް، އެފަރާތްތަކުން އަންނަ އާދީއްތައިގެ ކުރިން ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މިނިސްޓްރީން ލަފާކުރާ ގޮތުގައި، މި މަސައްކަތް އަންނަ މަހުގެތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ އެކި ހިސާބުގައި އައިސްޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ މިިދިޔަ އަހަރުވެސް ހަތަރު އައިސްޕްލާންޓެއް ހުޅުވާފައެވެ. އޭގެތެރޭގައި ހިމެނެނީ ރ.މަޑުއްވަރީ، ކ.ގާފަރު، ހއ.ހޯރަފުށި އަދި ފެލިވަރު އައިސްޕްލާންޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!