މަސްވެރިކަމާއި ގުޅޭ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް

"ސްޓިކާ ޖަހައިގެން ދިވެހިން އަތުން ފައިސާ ނެގޭއިރު، ގަވާއިދާ ޚިލާފަށް މަހަށްދާ ބިދޭސީންއަތުން ފައިސާ ނުނެގެނީ ކީއްވެ؟"

މަސް ދޯނިފަހަރުގައި ބިދޭސީން ހަރަކާތްތެރިވާ އަދަދު އިތުރުވެ، ކޮންމެ ދޯންޏެއްގައި ގެންގުޅެވޭނީ ދެ ބިދޭސީންކަމަށް ކަނޑައަޅައި، ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލާފައެވެ. އެ ގަވާއިދުގައި ވާގޮތުން، މަސްދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭނީ ސެކިއުރިޓީ ބެލެހެއްޓުމަށާއި ކެއްކުން ފަދަ ކަންތައް ކުރުމަށެވެ. މަސްވެރިކަމުގައި އެމީހުންނަކަށް ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

ނަމަވެސް މިހާ ހިސާބުން މަސްވެރިންގެ ކަންބޮޑުވުމަކަށް ވާން ފެށީ، މަހަށް ދާނެ ދިވެހިން ނުލިބުމެވެ. މީހުން ނުވެގެން ދޯނި ފަޅުގައި އަޅާފައި ބޭއްވުމުގެ ބަދަލުގައި ބައެއް ކެޔޮޅުން ޚިޔާރު ކުރީ، ދިވެހިން ނެތް ތަނަށް ބިދޭސީން ލައިގެން މަހަށް ފުރާށެވެ. އެމީހުން ބުނާގޮތުން ނަމަ، އެ ނޫން ގޮތަކަށް މިހާރު މަސްވެރިކަމެއް ނުކުރެވޭނެއެވެ.

މި ހުރިހާ ކަމަކަށް ތާއީދު ކުރި ނަމަވެސް، ގދ އަތޮޅުގެ މަސްވެރިއެއް ކުރީ ހަމަ އެހެން ޝަކުވާއެކެވެ. އެއީ ބިދޭސީން ގަވާއިދާ ޚިލާފަށް ގެންގުޅޭއިރު އެކަން ނުބެލުމެވެ. އެމީހުން އަތުން ނަގަން ޖެހޭ ފީތައް ނުނެގުމެވެ. އެމީހުންގެ ޑޮކިއުމެންޓްތައް ހަމަ ނުވުމެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވެއްޖެ ކަމަށާއި ފައިސާ ހޯދަން ގިނަ ކަންތައްތަކެއް ކުރަން ޖެހޭނެ ވާހަކައާއި ޖީއެސްޓީ ބޮޑުވާ ވާހަކަ ދައްކަމުން، ސަރުކާރުން އެބައި ފޫބައްދަނީ ދިވެހިން އަތުން އެކި ނަންނަމުގައި ފައިސާ ނަގައިގެން ކަމަށާއި، ބިދޭސީންއަތުން އެގޮތަށް ޖޫރިމަނާ ނުނަގާ މައްސަލައަކީ މަސްވެރިޔާގެ ކަންބޮޑުވުމެކެވެ.

ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން މަސްވެރިޔާ ބުނީ، މާލޭގައި މިނީބަސް ދުއްވަން ފެށުމާއެކު، އެންމެ ތިން ދުވަހުން މަޖީދީމަގުން 500 ވަރަކަށް އުޅަނދު ޓޯޔާޑަށް ގެންދިއުމަށްފަހު ބައިވަރު ސްޓިކާ ޖަހައި މިލިއަނެއްހާ ރުފިޔާ ސަރުކާރުން ހޯދާފައިވާ ކަމަށެވެ.

އެ ބީދައިން، ނުގަވާއިދުން އުޅޭ ބިދޭސީން ނުވަތަ މަސްދޯނިފަހަރުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބިދޭސީން ޑޮކިއުމެންޓް ނެތި އުޅޭއިރު، އެ ފަރާތްތަކުގެ އަތުން ޖޫރިމަނާ ނުނަގަނީ ކީއްވެތޯ މަސްވެރިޔާ ސުވާލު އުފެއްދިއެވެ.

ގދ ގައި ދުއްވާ މަސްދޯނިފަހަރުގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 20- 40 އާ ދެމެދު ކަމަށާއި ގިނަވާނީ 100 ފޫޓުގެ ބޮޑެތި މަސްދޯނިތައް ކަމަށް މަސްވެރިޔާ ބުނެއެވެ.

މަސްވެރިޔާ ބުނީ، މިހާރު އުމުރުން 55 އަހަރު ވެއްޖެ ކަމަށާއި އަދި މަސްވެރިކަމުގައި 25 އަހަރު ހޭދަވިއިރު، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، ބޭރުމީހުން މަސައްކަތެރިކަމުގެ ތެރެއަށް ވަންނަ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން އޮޑިއެއްގައި މަސައްކަތް ކުރީ އެންމެ މީހެއް ކަމަށާއި ދެން ތިބެން ފެށީ ދެމީހުން ކަމަށެވެ. މިހާރު އެކަން ބަދަލުވަމުން އައިސ،ް 2022 އައިއިރަ، އެއްބައި ދޯނީގެ މެޖޯރިޓީގައި ބޭރުމީހުން އުޅޭކަމަށް މަސްވެރިޔާ ބުންޏެވެ.

މީގެ ފަސް އަހަރު ފަހުން، 2030އާ ހަމައަށް ދާއިރުގައި ރާއްޖޭގައި މަހަށް ނުކުންނަ ކޮންމެ ދޯންޏެއްގައި ތިބޭނީީ ތިން ދިވެހިންނާއި، ހުސް ބިދޭސީން ކަމަށް ަމސްވެރިޔާ ލަފާކުރެއެވެ.

މަސްވެރިޔާ ބުނާ ގޮތުގައި، މުޅި ރާއްޖޭގެ މަސްދޯނިފަހަރުތަކުގައި 5000އެއްހާ ބިދޭސީން މަސައްކަތް ކުރެއެވެ. އެހެންކަމަށް ވާނަމަ، މަޖީދީމަގުގަައި ޕާކް ކުރުމުން ސްޓިކާ ޖަހައިގެން ވެހިކަލް ޓޯޔާޑަށް ގެންދާ އުސޫލުން، ނުގަވާއިދުން އުޅަނދުތަކުގައި ހަރަކާތްތެރިވާ ބިދޭސީންނަށް ލިޔުމެއް ދިނުމަށްފަހު، އެމީހުން އަތުން ސަރުކާރަށް ނަގަން ޖެހޭ 250 ރުފިޔާ ލިބޭ އުސޫލެއް ހަމަޖެހެން ވާނެ ކަމަށް މަސްވެރިޔާ ބުނެއެވެ. މަހަކު ސަރުކާރުން ބިދޭސީންގެ އަތުން ނަގަން ޖެހޭ ފައިސާ ކޮންމެވެސް ގޮތަކަށް ނަގަންޖެހޭ ކަމަށް މަސްވެރިޔާ ގަބޫލުކުރެއެވެ.

"އަޅުގަނޑުގެ ޝަކުވާއަކީ، [މަސް ދޯންޏެއްގައި] 10 މީހުން ތިއްބަސް، 12 މީހުން ތިއްބަސް، ކީއްވެހޭ ރާއްޖޭގެ ސަރުކާރުން ހަދާފަ އޮންނަ ގަވާއިދުގެ ތެރެއިން، އެމީހުންނަށް ހައްދަން ޖެހޭ އައިޑީކާޑާ، މެޑިކަލްއާ ހަމަ ނުވަނީ" މަސްވެރިޔާގެ ޝަކުވާ ހިއްސާކުރިއެވެ.

ސަރުކާރު ބަޖެޓަށް ދަތިވުމުން ދިވެހިންގެ ޕާކް ކޮށްފައިވާ ސްޓިކާ ޖަހައިގެން ފައިސާ ހޯދާ އުސޫލުން ބޭރު މީހުންއަތުންވެސް ފައިސާ ނަގަން ޖެހޭ ކަމަށާއި އެހެން ނަހަދާ ނަމަ ބޭރުމީހުން، ދިވެހިންނަށް ވުރެ 'މާ ގަދަަ' ކަމަށް މަސްވެރިޔާ ބުންޏެވެ.

"ދޯންޏެއްގައި 25 މީހުން [ބިދޭސީން] ތިއްބަސް ހެވޭ، އަހަރުން އަހަރަށް ހަދަންޖެހޭ ޑޮކިއުމެންޓްތައް ހަދާނަމަ." މަސްވެރިޔާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!