މަސްވެރިކަމާއި ގުޅޭ

F1TXpMqacAAjqyo

ޒުވާން މަސްވެރިޔާ ހއ އަތޮޅު ޕްރޮމޯޓް ކުރުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށްފި

ހއ.އަތޮޅު ޕްރޮމޯޓް ކުރެއްވުމަށް ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) ކުރެއްވި މަސައްކަތުގެ އަގުވަޒަން ކޮށްފިއެވެ.

ހއ.އަތޮޅު ކައުންސިލުން އިއްޔެ ވަނީ ޒުވާން މަސްވެރިޔާ، ހއ.އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މަޢުނަވީ ތަރިކަ ޕޮރޮމޯޓް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކައުންސިލުގައި ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ޒުވާން މަސްވެރިޔާގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކައުންސިލުން ވަނީ އޭނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

އެ ހަފްލާގައި ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވާހަކަފުޅުދައްކަމުން ވިދާޅުވީ ޒުވާން މަސްވެރިޔާ އެ އަތޮޅު ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ހއ. އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މަޢުނަވީ ތަރިކަ ޕޮރޮމޯޓް ކޮށްދެއްވާފައިވާ ކަމަށާއި އެ މަސައްކަތަކީ ކުރުން އެހާ ފަސޭހަ ކަމަކަށް ނުވިނަމަވެސް އެ މަސައްކަތް ސާޖިން ކުރެއްވީތީ، އެކަމުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޒުވާން މަސްވެރިޔާ ޙަސަން ސާޖިން ވިދާޅުވީ މިފަދަ ރަސްމިއްޔާތެއް ބާއްވައި ޒުވާން މަސްވެރިޔާގެ ޚިދުމަތުގެ އަގު ފުރަތަމަ ފަހަރަށް ހއ. އަތޮޅުން ފާހަގަކޮށްފައިވާތީ، ހއ. އަތޮޅުގެ ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ.

ޒުވާން މަސްވެރިޔާ ރާއްޖޭގެ އުތުރުން ދެކުނަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރުގައި މިހާރު ވަނީ ހއ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ މަސްވެރިކަމުގެ ހާލަތު ބަލާފައެވެ. މީގެ އިތުރުން އެ ރަށްރަށުގެ ހާއްސަ ތަރިކަތަކާއި ކެއުންތަކުގެ މަޢުލޫމާތު ހޯދާފައެވެ.

މި މަޢުލޫމާތުތައް ޒުވާން މަސްވެރިޔާގެ ޔޫޓިއުބް ޗެނަލުންނާއި ޒުވާން މަސްވެރިޔާގެ ވެބްސައިޓްގެ އިތުރުން ޒުވާން މަސްވެރިޔާގެ ފޭސްބުކް ޕޭޖުން މިހާރު ބަލައިލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!