މަސްވެރިކަމާއި ގުޅޭ

IMG_5443

އެންމެ ލަގްޒަރީ މަސް ދޯނި، ގއ. މާމެންދޫގައި

 

ހުވަދޫ އަތޮޅު އުތުރުބުތީ މާމެންދޫ ހަވީރީނާޒް، ރިފާޝް ހުސެއިން (35) ނިސްބަތްވަނީ މަސްވެރި އާއިލާއަކަށެވެ. ބައްޕައަކީ މަސްވެރިއެކެވެ. ކެޔޮޅެކެވެ. އަދި އޮޑިވެރިއެކެވެ.
ފުރަތަމަ އެ ރަށުގައި ފައިބަރު މަސްދޯންޏެއް ބަނީ ރިފާޝްގެ ބައްޕައެވެ. އެއީ އޭނާ ކިޔަވަން ސްކޫލުގައި އުޅުނު ދުވަސްވަރުއެވެ. އެ ޒަމާނަށް، ރާއްޖެއަށް އަލަށް ތަޢާރުފްވި ފައިބަރު ބޮޑު ދޯނީގެ ޖީލުގެ ފުރަތަމަ ދޯނީގެ ގޮތުގައި އެ ދޯނި މާމެންދޫގައި ބަންނަމުން ދިޔައިރު، މަސައްކަތް ހިނގަމުންދާގޮތް ބަލަން އޭރު ރަށުގެ ގިނަބަޔަކު ކޮންމެ ދުވަހަކު ވެސް އެތަނަށް ގޮސްއުޅެއެވެ.
ދޯނީގެ މަސައްކަތްތައް ކުރުމަށް ބައްޕައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރިފާޝް ވެސް ލިބޭ ހުސްވަގުތުގައި ގޮސް އެ މަސައްކަތުގައި އުޅެ ފައިބަރު މަސައްކަތް ދަސްކުރިއެވެ. އެ ދޯނި މޫދަށް ބޭލީ ވެސް އެރަށުގެ ބޮޑު މަގުންނެވެ.

އެ ދުވަސްވަރު ރަށު މީހުންނަށް އެކަން ވީ ވަރަށް އާ ކަމަކަށެވެ. އެއީ ކިޔަވަން އުޅުނު ދުވަސްވަރު ކަމުގައި ވިޔަސް، އެ ދޯނީގެ ސަބަބުން ރިފާޝްގެ ހިތުގައި މަސްވެރިކަމަށް ވަރަށް ބޮޑަށް ލޯބި ޖެހިގެންދިޔައެވެ.
އޭނާގެ ބައްޕަ އެ ދޯނި އަހަރުތަކެއްގައި ދުއްވުމަށްފަހު އެކަން ހުއްޓާލީ އޭނާގެ އުމުރު މަތިވުމާއި ޞިއްޙީ ޙާލަތު ހުރި ގޮތުންނެވެ. ނަމަވެސް އެ ދޯނި މަރާމާތުކޮށް އަލުން މަސްވެރިކަން ފެށުމަށް ރިފާޝް ނިންމިއެވެ. މިގޮތުން، އެ ދޯނި ވަރަށް ބޮޑަށް މަރާމާތުކޮށް ނިންމި ނަމަވެސް، އެ މަސައްކަތް ކާމިޔާބު ނުވުމުން، ޒަމާނީ މަސްދޯންޏެއް އަލަށް ބަނުމަށް ނިންމިއެވެ.
ރިފާޝް ދެކޭ ގޮތުގައި، މާމެންދޫގެ އާބާދީއާ އަޅައިބަލާއިރު، ރަށުގައި މަސްދޯނިފަހަރު މަދެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގައި މަސްވެރިންނާއި މަސްދޯނިފަހަރު ހުރި ނިސްބަތުން ވެސް މާމެންދުއަށް އަދި އިތުރު ދޯނިފަހަރު ބޭނުން ވެއެވެ. ރަށުގައި ހުރި ގިނަ ދޯނިފަހަރަކީ ވެސް މި ޒަމާނާ އެކަށޭނަ ފެންވަރަށް ތައްޔާރު ކުރެވިފައިވާ ދޯނިފަހަރެއް ވެސް ނޫނެވެ. އެހެންކަމުން އޭނާ ބޭނުންވީ ޒަމާނާއި ގުޅޭ ޒުވާނުން ގަޔާވާކަހަލަ މަސްދޯންޏެއް ބަނުމަށެވެ.


އެންމެ ފަހުގެ ވަސީލަތްތަކާއިއެކު މަހަށް ނުކުމެ އެއްވެސް ދަތިކަމެއް ނެތި އުޅެވޭނޭފަދަ ފުރިހަމަ މަސްދޯންޏެއް މަސްވެރިކަމަށް ނެރެ މަސްވެރިންގެ ވިސްނުން އިތުރު ހަރުފަތަކަށް ކުރިއަށް ޖެއްސުމަށެވެ.


ރިފާޝްގެ ލަގްޒަރީ ފައިބަގްލާސް މަސްދޯނި ގދ.ތިނަދޫގައި ބަންނަން ފަށާފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. ބާރު ސްޕީޑުގައި މަސައްކަތް ގެންގޮސް ދޯނި ނިންމައި އިންޖީނު އަޅައި މިހާރު ވަނީ މޫދަށް ބާލާފައެވެ. މި ދޯނީގައި އަޅާފައިވަނީ 1138 ހޯސްޕަވަރު ޔަންމާ އިންޖީނެކެވެ. މިއީ ރާއްޖޭގެ މަސްދޯންޏެއްގައި މިހާތަނަށް އެޅި އެންމެ ބޮޑު ޔަންމާ އިންޖީނެވެ.


އޯސަން ޕްރޯގެ ނަމުން ނަންދީފައިވާ ގއ.މާމެންދޫ މި މަސްދޯނީގެ ދުވެލި ވެސް އެހާމެ ބާރެވެ. ގަޑިއަކު 16 ވަރަކަށް މޭލުދުވާއިރު މިއީ ހުވަދޫ އަތޮޅުގައި ވެސް އެންމެ ސްޕީޑް ރަނގަޅު ދޯނިތަކުގެ ތެރޭގައި ލިސްޓްގެ އެންމެ ކުރީގައި ގުނާލެވޭނެ ދޯންޏެވެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!