މަސްވެރިކަމާއި ގުޅޭ

ވެއިޓްރޯސްގެ ފިހާރައެެއް

ރާއްޖޭގައި ބާނާ ރީނދޫ އުރަހަ ކަންނެލި ގަންނަ މިންވަރު ލިމިޓު ނުކުރާނެ ކަމަށް ވެއިޓްރޯސްއިން ހާމަކޮށްފި

އިނގިރޭސިވިލާތުގެ ވެއިޓްރޯސް އެންޑް ޕާރޓްނަސްގެ ސުޕަމާކެޓު ތަކަށް ރާއްޖެ އަދި ލަންކާގައި ބާނާ ރީނދޫ އުރަހަ ކަންނެލި ގަންނަ މިންވަރު ލިމިޓު ނުކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ވެއިޓްރޯސްއިންވަނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ގޮވާލާފައެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމާއި މިކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށްބުނެ ޔޫރަޕްގެ ގިނަ ކުންފުނިތަކަކުން ދަނީ އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ބޯއިކޮޓު ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ޔޫރަޕުގެ ގިނަ ވިޔަފާރިތަކަކުންވަނީ އިންޑިއާ ކަނޑުންބާނާ މަސް ގަންނަ މިންވަރު މަދު ކުރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ވެއިޓްރޯސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން ބޭނުންވަނީ މަސްވެރިންނާއި، ސަޕްލަޔަރުންނާއި، ސަރުކާރުތަކާއި އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން މަސްވެރިކަން މިހާރު ކުރަމުންދާ ގޮތަށް ބަދަލުތައް ގެނެސް ހަރަދުނާ ފިޔަވަޅުތައް އެޅުމަށް އެކީގައި މަސައްކަތްކުރުމަށް ކަމަށެވެ.

ވެއިޓްރޯސްއިންވަނީ ރާއްޖެއިން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނުގައި، ރާއްޖެއިން ރީނދޫއުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށް ކުރުމަށް ރާވާފައިވާ ކަންތައްތަކަށް މަރުޙަބާ ކިޔާފައެވެ. ވެއިޓްރޯސްއިން މި ސަރަޙައްދުގެ ޤައުމުތަކުގެތެރެއިން ރީނދޫ އުރަހަ ކަންނެލި ގަންނަމުންދަނީ ރާއްޖެއިންނާއި ލަންކާއިންނެވެ. އެގޮތުން ވެއިޓްރޯސްގެ ފިހާރަތަކުގައި ރާއްޖޭގައާއި ސްރީލަންކާގެ ތާޒާ ރީނދޫ އުރަހަ ކަންނެލި މަސް ލިބެން ހުރެއެވެ.

ރާއްޖެއިން ބާނާ ރީނދޫ އުރަހަ ކަންނެލީގެ ބޮޑު ބައެއް އެކްސްޕޯޓުކުރަމުންދަނީ ޔޫރަޕްގެ މާރކެޓަށެވެ. ވަކި ވަކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބެލުމެއް ނެތި އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ބޯއިކޮޓު ކުރުމަށް ޔޫރަޕްގެ ވިޔަފާރިތަކުން ގޮވާލަމުންދާތީ، ރާއްޖެއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށް ދާދިފަހުންވަނީ ބަޔާނެއް ނެރެފައެވެ.

ރާއްޖެއިން ވަނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ފިޝަރީޒް އިމްޕްރޫވްމަންޓު ޕްރޮގްރާމް (ފިޕް) އަކަށް ވަނުމަށް ރާއްޖެއިންވަނީ ނިންމާފައިވާއިރު، އެހެން ޤައުމުތަކާއި ގުޅިގެން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އާލާ ކުރުމަށް މަސައްކަތްތަކެއް ކުރުމަށްވެސް ރާއްޖެއިން ދަނީ ތައްޔާރުވަމުންނެވެ. އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ބޯއިކޮޓު ކުރުމަށް ޔޫރަޕްގެ ވިޔަފާރިތަކުން ގޮވާލަމުންދާއިރު، މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ، ލަންކާ އަދި ސީޝެލްސް ކަހަލަ ޤައުމުތަކަށެވެ. އެގޮތުން އެހެން ބޮޑެތި ޤައުމުތަކަކީ އެޤައުމުގައި ބާނާ މަސް އެޤައުމުގެ އެތެރޭގައި ބޭނުންކުރާ ޤައުމުތަކަށްވުމާއެކު ޔޫރަޕަށް އެކްސްޕޯޓުކުރަނީ މަދު ޤައުމަކުންނެވެ. ރީނދޫ އުރަހަ ކަންނެއްޔާއި އެ މަހުގެ ބާވަތްތަކަކީ ރާއްޖެ އިން ބޭރުގެ ގައުމުތަކަށް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ބާވަތެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި އަކީ ދުނިޔޭގައި ބެލުހެއްޓުމެއް ނެތި އެންމެ ގިނަ އަދަދަކަށް ބާނަމުންދާ މަހެވެ. މިއާ އެކު 2026 ވަނަ އަހަރު އަންނަން ވާއިރު ރީނދޫ އުރަހަ ކަންނެލި ވަރަށް ބޮޑަށް މަދުވުމުގެ ބިރު އެބަ އޮތްކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!