މަސްވެރިކަމާއި ގުޅޭ

ރެޑް ސީ ބްރީމް އައިރިޑޯ ވައިރަސް ޖެހިގެން މަރުވެފައިވާ މަހެއް
ރެޑް ސީ ބްރީމް އައިރިޑޯ ވައިރަސް ޖެހިގެން މަރުވެފައިވާ މަހެއް

ނުރައްކާތެރި ވައިރަސްއެއް ޖެހި އިންޑިއާގައި ކޮށީގައި އާލާ ކުރާ ގިނަ އަދަދެއްގެ މަސް މަރުވެއްޖެ

ނުރައްކާތެރި ވައިރަސްއެއް ޖެހި އިންޑިއާގެ މެންގަލޯރ ސިޓީގައި ކޮށީގައި އާލާ ކުރާ ގިނަ އަދަދެއްގެ މަސް މަރުވެއްޖެއެވެ.

އޭޝިއަން ސީ ބާސް ނަމަކަށް ކިޔާ މި މަސްތަށް މަރުވެފައިވަނީ ރެޑް ސީ ބްރީމް އައިރިޑޯ ވައިރަސް ޖެހިގެންނެވެ.

މަސްތައް މަރުވެފައިވަނީ ރެޑް ސީ ބްރީމް އައިރިޑޯ ވައިރަސް ޖެހިގެންކަން ދެނެގަނެވިފައިވަނީ މެންގަލޯރގެ ކޮލެޖު އޮފް ފިޝަރީޒްގެ އެކުއަޓިކް އެނިމަލް ހެލްތް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ދިރާސާތަކުންނެވެ. މިއީ މި ވައިރަސް އިންޑިއާއިން ފެނުނު ފުރަތަމަ ފަހަރެވެ.

މެންގަލޯގެ އެނިމަލް އެންޑު ފިޝަރީޒް ސައިންސަސް ޔުނިވަރސިޓީގެ ޑީންއެއްކަމުގައިވާ ޑރ. އޭ ސެންތިލް ހާމަކުރި ގޮތުގައި 2018 އިން ފެށިގެން 2019ވަނަ އަހަރުގެތެރޭ މެންގަލޯގެ އުޑުޕީ ސަރަޙައްދުގައި ކޮށީގައި އާލާ ކުރަމުންދާ އޭޝިއަން ސީ ބާސްތައް ގިނަ އަދަދަކަށް މަރުވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދިޔަ ކަމަށެވެ.

މި ބަލި ޖެހުމުން މަސްތަކުގެ އުޅުމަށް ބަދަލުތައް އައިސް، މަޑުމައިތިރިވެ، ކެއުމާއި ދުރުވާކަމަށެވެ.

އަދި މި ރިޕޯޓުތަކާއި ގުޅިގެން އެ ކޮލެޖުގެ ފަރާތުން ސާމްޕަލްތައް ނަގައިގެން ކުރި ތަޙްލީލުތަކުން އެނގުނު ގޮތުގައި މަސްތައް މަރުވެފައިވަނީ ރެޑް ސީ ބްރީމް އައިރިޑޯ ވައިރަސް ޖެހިގެންނެވެ.

ސެންތިލް ބުނީ މި ބަލި އިންޑިއާއިން ފެނުނު މިއީ ފުރަތަމަ ފަހަރުކަމަށްވުމުން ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ޙަރުދަނާ ފިޔަވަޅުތައް އެޅުން މުޙިއްމު ކަމަށެވެ. އަދި ބައްޔާއި ގުޅޭ އިތުރު ދިރާސާތައްވެސް އެ ކޮލެޖިގެ ފަރާތުންދަނީ ކުރަމުންނެވެ.

ރެޑް ސީ ބްރީމް އައިރޯ ވައިރަސް ދުނިޔެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1990ގެ ތެރޭގައި ޖަޕާނުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!