މަސްވެރިކަމާއި ގުޅޭ

ކުރީގެ ފިޝަރީޒް މިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ޕީއެސްއެމް ނިއުސް
ކުރީގެ ފިޝަރީޒް މިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްވެރިކަމުގެ ތަފާސް ހިސާބު މުހިއްމު، ސައްޚަ މައުލޫމާތު ހިއްސާކޮށްދެއްވާ: މިނިސްޓަރު ޒަހާ

މަސްވެރިކަމުގެ ތަފާސް ހިސާބު މުހިއްމު، އެހެންކަމުން ސައްޚަ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި ސްޓޮކް އެސެސްމަންޓް ނުވަތަ ސައްޚަ ގޮތެއްގައި މަހުގެ ތަފާސް ހިސާބު ބެލެހެއްޓުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. މިގޮތުން އޮޑިވެރިން ދެއްވާ ތަފާސް ހިސާބުތަކަކީ ސައްޚަ މައުލޫމާތަކަށް ހެއްދެވުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ، މިދަނޑިވަޅަކީ ކަންނެލީގެ ސްޓޮކް ބޮއިކޮޓް ކުރުމަށް ގޮވަމުން އަންނަ ދުވަސްކޮޅެއް ކަމަށާއި، ސަބަބަކަށް ވެގެންދަނީ އެ އަޑު އުފުލާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ކަނނެލީގެ ސްޓޮކް ނެތިގެން ގޮސްދާނެތީކަމަށެވެ. ނަމަވެސް ދިވެހިރާއްޖެއިން މަސްވެރިކަން ކުރަނީ ތިމާވެއްޓާ އެންމެ ރަށްޓެހިކޮށް ކަމަށާއި އޭގެ ކަނޑައެޅިފައިވާ އެންމެ ރަނގަޅު މިންގަނޑުގައިކަން ޒަހާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ދިރާސާތަކަށް ބަލާލުމުން ކަނޑުމަހުގެ ސްޓޮކް ވެސް އެހާ ރަނގަޅު ނޫންކަމަށާއި، ސްޓޮކަށް ފިޔަވަޅުތަކެއް އަޅާއިރު ރާއްޖެއަށްވެސް އެފިޔަވަޅުތަށް އަންނާނެކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން މިކަމާގުޅޭ ގޮތުން ސަރުކާރުން އިންޑިއަން އޯޝަން ޓޫނާ އެސޯސިއޭޝަނަށް ދިވެހިންގެ ހައްގު ހޯދައި ދިނުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ޒަހާ ވިދާޅުވިއެވެ.

މަސްވެރިންނަށް ހައްޤުތައް ހޯދައި ދިނުމަށާއި ސްޓޮކް ބަލަހައްޓާނެ ގޮތާއި ބެހޭގޮތުން މިދިޔަ އަހަރުގެ މަސްވެރިންގެ ފޯރަމާއި މިއަހަރުގެ މަސްވެރިންގެ ފޯރަމްގައި ވަރަށް ތަފްސީލުކޮށް މަޝްވަރާކުރެވިފައި ވާނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި ޤަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުންނާއި، ބޮޑުދާ ޖަހައިގެން ކުރާ މަސްވެރިކަމުގެ ސަބަބުން މި ސަރަހައްދުގެ މަހުގެ ސްޓޮކަށް އަސަރުކުރަމުންދާކަމަށް ދިރާސާތަކުން ދަނީ ފެންނަމުންނެވެ. ޚާއްޞަކޮށް މި ސަރަހައްދުގައި ބޮޑުކަންނެލީގެ ސްޓޮކް އޮތީ މިހާރުވެސް ރެޑް އެލާޓްގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ސަބަބަށްޓަކައި އިންޑިއާ ކަނޑުގެ ޤައުމުތަކުން މަސް ބޭނޭނެ އެންމެ ގިނަ މިންވަރު ކަނޑައެޅުމުގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!