މަސްވެރިކަމާއި ގުޅޭ

ޖަޔަންޓު ސުވިންހޯސް ސޮފްޓު ޝެލް ޓަރޓަލް"

މަދުން ނޫނީ ނުފެންނަ ވެލާގެ ބާވަތެއް ވިއެޓްނާމުން ފެނިއްޖެ

ދުނިޔެއިން ނެތިގެން ގޮސްދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ވެލާގެ ބާވަތްކަމަށްވާ، " ޖަޔަންޓު ސުވިންހޯސް ސޮފްޓު ޝެލް ޓަރޓަލް" އެއް ވިއެޓްނާމުން ފެނިއްޖެއެވެ.

މިހާރު ދުނިޔޭގައި މި ބާވަތުގެ ވެލައެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ ޗައިނާގެ ސުޖޯގެ ޒުލެއްގައި އޮންނަ މީގެ ފިރިހެން ވެލައެކެވެ.

ވިއެޓަނާމުން ފެނިފައިވަނީ އަންހެން ވެލައެކެވެ. މިއާއެކު މި ވެލާގެ ބާވަތްތައް އަދި ދުނިޔެއިން ހުސް ނުވާނެ ކަމުގެ އުއްމީދު މިވަނީ އާވެފައެވެ. ވިއެޓްނާމްގެ ކަމާއި ގުޅުންހުރި ފަރާތްތަކުން މި ވެލާ ދިރާސާ ކުރުމަށް ފެސިލިޓީއަކަށް ގެންގޮސްފައިވެއެވެ. އެގޮތުން އޭގެ ލޭގެ ސާމްޕަލްތައް ނެގުމަށްފަހު ވަނީ އަބުރާ ކޯރަށް ދޫކޮށްލާފައެވެ.

ޖަޔަންޓު ސުވިންހޯސް ސޮފްޓު ޝެލް ޓަރޓަލް ދުނިޔެއިން ހުސްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބެލެހެއްޓުމެއް ނެތި މި ބާވަތުގެ ވެލާ މީހުން ކެއުމަށް ބޭނުންކުރަމުން ދިޔުމެވެ. އަދި މީގެ ބިސްތައް ވެސް ކެއުމަށް ބޭނުންކޮށް، އޭތި ދިރިއުޅޭ ހިސާބުތަކަށް ގެއްލުންތައް ދިނުމެވެ.

ކޯރުގައި ދިރިއުޅޭ މި ބާވަތުގެ ވެލަ އަކީ ޗައިނާ އަދި ވިއެޓްނާމުން އެކަނި ފެންނަ ވަތްތަރުގެ ވެލައެކެވެ.

މިފަހުން މި ފެނުނު ޖަޔަންޓު ސުވިންހޯސް ސޮފްޓު ޝެލް ޓަރޓަލްގެ އަންހެން ވެލާ ފެނުމުގެ ކުރިން ދުނިޔޭގައި ރެކޯޑުކުރެވިފައިވާ މި ބާވަތުގެ އަންހެން ވެލާ ވަނީ 2019 ވަނަ އަހަރު މަރުވެފައެވެ. މި ވެލާ އާއި ޗައިނާގެ ސޫޖޯގެ ޒުލެއްގައި އޮތް މި ބާވަތުގެ ވެލައާ ދެ ވެލާ ދިމާވެ އިތުރު ވެލާތައް އާލާ ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!