މަސްވެރިކަމާއި ގުޅޭ

kanneli boatހ

ހަރުދަނާ ޤަވާއިދެއްގެ ދަށުން ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދިނުން މުހިންމު: އޯޝަން ހައްޓަރ

ހަރުދަނާ ޤަވާއިދެއްގެ ދަށުން ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދިނުން މުހިންމު ކަމަށް ރާއްޖޭގައި ކަންނެލީގެ ލޭނު މަސްވެރިކަން އެންމެ ފުޅާކޮށް ކުރި އޯޝަން ހައްޓަރ ފިޝަރީޒުން ބުނެފައެވެ.

މަސްވެރިން އެމްވީއާ ވަހަކަ ދައްކަވަމުން އޯޝަން ހައްޓަރގެ އޮޕަރޭޝަން ހެޑް ހަމްދޫން އަބްދުލް ކަރީމް ވިދާޅުވީ، ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދިނުމަކީ ޤައުމުގެ އިޤްތިޞާދަށް ބޮޑު ފައިދާއެއް ކުރާނެކަމެއް ކަމަށާއި، މި މަސައްކަތައް އަލުން ހުޅުވާލަން ނިންމެވުމުން އެކަމަށް މަރުހަބާ ދަންނަވާކަމަށެވެ.

"ލޯބޮޑު ކަންނެއްޔަކީވެސް އަޅުގަނޑުމެންގެ ކަނޑުގައި އޮތް ހަޒާނާއެއް. އެހެންވީމަ އޭގެ ބޭނުންކޮށްގެން އޭގެ ފައިދާ އެބަ ހޯދަން ޖެހޭ." ހަމްދޫން ވިދާޅުވިއެވެ.

ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނަސް ރާއްޖޭގައި އާންމުކޮށް މި ކުރާ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށް ހަމްދޫން ވިދާޅުވިއެވެ.

"ބައެއް މީހުންނަށް ހީވި ރާއްޖޭގައި ކަންނެލީގެ އަގު ދަށަށް ދިޔައީ ލޭނު މަސްވެރިކަމުގެ ސަބަބުންނޭ. އެކަމަކު ލޭނު ހުއްޓާލިތާ ދެއަހަރަށްވުރެ ގިނަ ދުވަސްވީ. ފެންނަމުން ދިޔައީ އަގު ދަށަށް ދިޔަތަން. އަދި ކިރިޔާ ކަންނެލީގެ އަގު މައްޗައް ޖެހިގެން މިއުޅެނީ. އެވެސް ކަންނެލި ނުލިބޭތީ. ލޭނުގެ މަސްވެރިކަމަށް ހުއްދަދިނަސް ކަންނެލީގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ. ރީނދޫ އުރަހަ ކަންނެލި އެންމެ ގިނައިން މި ބޭރުކުރަނީ ޔޫރަޕްގެ މާރކެޓް ތަކަށް. ރާއްޖެއިން މިބާނާ މަހުގެ 10 ޕަސެންޓްވެސް ނުދާނެ ޔޫއެސްއޭ އަކަށް. އެކަމަކު ލޭނު އަޅައިގެން މި ބާނާ ލޯބޮޑު ކަންނެއްޔާއި ހިބަރު މި ބޭރުކުރަނީ އެމެރިކާގެ ބާޒާރުތަކަށް." ހަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ވިދާޅުވީ، ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް އަލުން ހުއްދަދޭއިރު ހަރުދަނާ ޤަވާއިދެއްގެ ތެރެއިން އެ ހުއްދަދިނުން މުހިންމު ކަމަށެވެ.

"ލޭނު މިއަޅަނީ މިކަމަށް ބޭނުންވާ އެން ރާއްޖެއިން ބޭރުން ގެނެސްގެން. އެހެންވިއްޔާ މިތަނުގެ އެންވެރިކަމަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ. އަނެއްކާ އަޅުގަނޑުމެން މި ހުށައަޅަނީ ލޭނު މަސްވެރިކަމަށް ހުއްދަދޭއިރު 150 މޭލު ބޭރުން ލޭނު މަސްވެރިކަމަށް ހުއްދަދިނުން. އޭރުން މަސްވެރިނަށް އެއްވެސް އުނދަގުލެއް ނުވާނެ. އަލުން ހުއްދަދޭއިރު ހަރުދަނާ ޤަވާއިދެއްގެ ތެރެއިން މިކަން ކުރަން ބޭނުންވަނީ. ރަނގަޅު ހަރުދަނާ ޤަވާއިދެއްގެ ދަށުން މިކަން ކުރާނަމަ އެންމެންވެސް މިކަން ބަލައިގަންނާނެ." ހަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ވިދާޅުވީ، އިންޑިއާ ކަނޑުގައި ރީނދޫ އުރަހައިގެ ކަންނެލި ސޮޓޮކް ރެޑް އެލާޓަށްލާފައި މިވާ ދަނޑިވަޅުގައި ލޭނު މަސްވެރިކަމަށް ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމެއް ކަމަށެވެ.

އިންޑިއާ ކަނޑުން ރީނދޫ އުރަހަ ބާނާ މިންވަރު ގިނަވެ، އިންޑިއާ ކަނޑުގެ ރީނދޫ އުރަހައިގެ ކަންނެލީ ސްޓޮކް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ވަނީ ރެޑް އެލާޓަށް ލާފައެވެ. މިކަން ހައްލުކުރުމުގެ ގޮތުން ޤައުމުތަކުން ރީނދޫ އިރަހަ ކަންނެލި ބޭނޭނެ މިންވަރު ކަނޑައެޅުމުގެ މަޝްވަރާތައް ޤައުމުތަކާއެކު އެ ކޮމިޝަނުން ގެންދަނީ ކުރަމުންނެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ދާދި ފަހުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަދިނުމަށް މަޝްވަރާ ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުުގައި، ލޭނު މަސްވެރިކަމާ ބެހޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ކަމާބެހޭ ގަވާއިދުތަކަށް ބަދަލު ގެނައުމަށްފަހު ދިވެހިންނަށް އެކަމުގެ ފައިދާ ލިބޭގޮތަށް ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލޭނުގެ މަސްވެރިކަމަކީ ލޯބޮޑު ކަންނެއްޔާއި ހިބަރު ބޭނުމަށް ހާއްސަކޮށްގެން ކުރާ މަސްވެރިކަމެކެވެ. ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު މީގެކުރިން 2010 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ހުޅުވައިލިއެވެ. ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ދޫކުރި ހުރިހާ ހުއްދައެއް ބާތިލުކޮށް 2019 ވަނަ އަހަރުން ފެށިގެން އެ މަސްވެރިކަން ވަނީ މަނާކޮށްފައެވެ. ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރަނީ އާންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދަށްވުރެ ބޭރުންނެވެ. އާންމުކޮށް ކަންނެލި ބާނަން ލޭނު އަޅަނީ 150 މޭލަށް ވުރެ ބޭރު ސަރަހައްދުގައިއެވެ. އަދި ލޭނު އަޅަނީ 90 މީޓަރު އަޑީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!