މަސްވެރިކަމާއި ގުޅޭ

އޮއިވާލި މިޔަރު، އައިންމަތީ މިޔަރު

އޮއިވާލި މިޔަރު ނުވަތަ އައިނު މިޔަރަކީ ހިމަތޮޅި މިޔަރެކެވެ. މިއީ ރާއްޖޭގެ މަސްކަނޑުތަކުން ވަރަށް ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގިނައިން ފެނިފައި ހުންނަނީ ކަނޑުމަހުގެ ބާވަތްތަކުގެ މަސްއައިނާ އެކުގައެވެ. އަދި ޚާއްސަ ގޮތެއްގައި ކަނޑު ހިނގާ އޮއިވާލި އެތިގަނޑު ދަށުގައި އަޅާފައި ހުންނަ އައިން ތެރެއިންނެވެ. މިގޮތުން އައިނުތެރޭގައި ނުވަތަ އޮއިވާލީގެ ކައިރީގައި އުޅޭއިރު މަސްއައިނުގައި އުޅޭ މަހަށް ވަރަށް ހަލުއި ޙަމަލާތައް ދެއެވެ. އަދި މަސްބާނާ އައިނުގެ ތެރޭން މަސް އަތުލައިގެން ކައިއުޅޭކަން ފާހަގަކުރެވެއެވެ.

މިއީ ލޮނު އަޅައިގެން ހިއްކުމަށް ރަގަޅު މިޔަރެކެވެ. ނަމަވެސް ރާއްޖޭގައި މިޔަރު ހިޔާމަތް ކުރުމުން މިޔަރުގެ ހުރިހާ ބާވަތެއްގެ ވިޔަފާރި ވަނީ ހުއްޓިފައެވެ. މިބާވަތުގެ މިޔަރު ގިނައިން އުޅެނީ އަތޮޅުން ބޭރު މާކަނޑު ތަކުގައެވެ. މިއީ ކަނޑުގެ މަތީބައިގައި ގިނައިންއުޅޭ މިޔަރެއް ކަމުގައިވިޔަސް 500 މީޓަރު އަޑީގައިވެސް މިބާވަތުގެ ބޮޑެތި މިޔަރު އުޅޭކަމަށްވެއެވެ. މިބާވަތުގެ މިޔަރު ވިހާ ފަހަރަކު 2 އާއި 4 އާ ދެމެދުގެ ޢަދަދަކަށް ކުދި މިޔަރު
ވިހާކަމަށްވެއެވެ. އޮއިވާލިމިޔަރު އެންމެ ބޮޑުވާކަމަށްވަނީ 3.3 މީޓަރަށެވެ. މިމިޔަރުގެ ކާނާއަކީ މަހުގެ ބާވަތްތަކާއި ބޯވަދިލަމަހާވެ. ،މިއީ މަސްވެރިކަމުގެ އާލާތްތަކަށް ގެއްލުންދޭ އަދި އިންސާނުންނަށް ނުރައްކާތެރި ޙަމަލާދޭ މިޔަރެއްކަމުގައި ވަނީ ބެލެވިފައެވެ. މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ގަދަ އަޅި
ނުވަތަ ކަޅުކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ އަޅި ހުދުކުލައެކެވެ.

އިނގިރޭސި ނަން: : Silky shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!