މަސްވެރިކަމާއި ގުޅޭ

ވާލަންމަސް

ވާލަންމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި ބައިބަޔަށް ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން މަސްވެރިން ދަންނަ މަޝްހޫރު މަހެކެވެ. ދުވާލު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ވާލަންމަސް ބޭނެއެވެ. އަދި މިގޮތުން ފައްތައިގެން އުޅޭއިރު ބޭނުމުގެ އިތުރަށް ގައިގެ ކޮންމެވެސް ތަނަކު ބުޅި އަޅައިގަނެގެންވެސް ނެގިފައިހުރެއެވެ. މިއީ ބުޅީގައި މޫދުފެހި އަޅައިގެން ވިއްދައިގެންކުރާ މަސްވެރިކަމުގައިވެސް ގިނައިން ބޭނޭމަހެކެވެ. ދިވެހިން މިބާވަތުގެ މަސްކެއުމަށް މާބޮޑު ޝައުޤުވެރިކަމެއް ނުހުރެވެއެވެ. މަހުގެ އަނގަ ވަރަށް ކުޑައެވެ. މަހުގެ ނިގޫފަތުގެ ދެކޮޅު ހުންނަނީ މަހުގެ ފަހަތަށް ނަރުވައެއްގޮތަށް ދިގުކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ އޮޔާދާ ފަނިފަކުސައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 6 ހަރުކަށްޓާއެކު 26 ނުވަތަ 27 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 26 އާއި 29 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ދެކޮތަރިބައި ހުޅުވާލާފައި ހުންނައިރު ވަރަށް އުސްކޮށްހުރެއެވެ. މަހުގެ ދެއަރިމަތިން ނިގޫކޮޅުގައި ތޫނު 4 ކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަ ވައިލެޓް ކުލައަކަށްދާ މުށި ކުލައެކެވެ. މަހުގެ ދެއަރިމަތީގައި ނޫކުލައިގެ ރޮނގުތަކެއް މަހުގެ ހުރަހަށްވާގޮތަށް ހުދާއެވެ. އަދި މަހުގެ މަތީބައިގައްޔާއި، ބަނޑުދަށްފަރާތުގައި ނޫކުލައިގެ ތިކިތަކެއް ހުރެއެވެ.

އިނގިރޭސި ނަން: : Vlaming’s unicornfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!